ގަން ހިމެނޭހެން 18 ރަށެއްގައި އެފްއެސްއެމްގެ ފިޔުލް ސްޓޭޝަންތައް މިއަހަރު ހުޅުވަނީ

Gan himeneyhen 18 rashehgai FSMge fuel stationthah mi aharu hulhuvanee

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯ އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ލ. ގަން ހިމެނޭހެން 18 ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމްކޮށް، މިއަހަރުގެ ތެރޭގައި އިތުރު ތަންތަން ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ބޭނުމުގައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ބ. އޭދަފުށި، ށ. މިލަންދޫ، ފ. ނިލަންދޫ އަދި ދ. މީދޫ ހިމެނޭހެން 7 ރަށެއްގައި ވަނީ ފިއުލް ސްޓޭޝަންތައް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.

އެފްއެސްއެމްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ޚިދުމަތް ދެމުންދާ ރަށްރަށުގެ އިތުރުން ނ. މަނަދޫ އަދި އދ. ދަނގެތީގައި ޤާއިމްކުރާ ސްޓޭޝަންތަކުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އަދި މި 18 ރަށުގެ ލިސްޓުގައި ދެން ހިމެނެނީ ވ. ފެލިދޫ، އއ. މަތިވެރި، ތ. ހިރިލަންދޫ، މ. މުލަކު، ލ. ގަން، ގދ. ފިޔޮރީ، ގދ. ފަރެސްމާތޮޑާ، ސ. ހުޅުމީދޫ އަދި ގއ. ދެއްވަދޫއެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫގައި ސްޓޭޝަނެއް ޤާއިމްކޮށްފައިވާއިރު، ވިލިމާލޭގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ ބޮޑު ބައެއްވެސް މިހާރު ވަނީ ނިންމާލާފައެވެ.

ގިނަ އަތޮޅުތަކުގައި މިހާތަނަށް ތެޔޮ ފޯރުކޮށްދެމުން ގޮސްފައިވަނީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ، އާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ސަރުކާރުން ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަށާފައިވާ މި މަޝްރޫޢުގެ ސަބަބުން، މާލެއެކޭ އެއްފަދައިން ރަށްރަށުންވެސް އެކަށީގެންވާ އަގުގައި ތެޔޮ ލިބި، ރައްޔިތުންގެ ޝަކުވާތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted