އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރަން ލ. ގަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި

Insaanee hahguthakah vakaalaathukuraane faraithah biaakuran laamu gamugai haassa programe eh fashaifi

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ފަސް ދުވަހުގެ ”ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް“ ލ. ގަމުގައި މިއަދު ފަށައިފިއެވެ. މިއީ މުޖުތަމަޢުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ފަރާތްތައް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ ކޮމިޝަނަރ އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަނީ، މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރަކީ ނުހަނު މުހިންމު އަދި އަގުހުރި ދައުރެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ފަސް ދުވަހުގެ ތަމްރީނުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެޗްއާރުސީއެމަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، އެ ކޮމިޝަނުގެ ”ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ“ ގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ޕްރޮގްރާމެކެވެ. މުޅި ޕްރޮގްރާމް ބިނާވެފައިވަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ ”ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް“ ގެ މައްޗަށެވެ.

މުހިންމު ދާއިރާތަކަށް ހޭލުންތެރިކުރުވުން

މި ޕްރޮގްރާމްގެ ތެރެއިން ގިނަ ދާއިރާތަކަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިސިލް ބްލޯވަރ ޤާނޫނަށާއި، ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ތަމްރީންތައް ކުރިއަށްގެންދާނެއެވެ. މީގެއިތުރުން ފުލުހުންނަށް އަމާޒުކޮށްގެން އެންޓި ޓޯޗަރ ސެޝަންތަކާއި، އަންހެނުންނާއި ޖަމްއިއްޔާތަކަށް ހާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމުގެ އިތުރުން، އެޗްއާރުސީއެމްގެ ދެ ޓީމަކުން ލ. އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ދަތުރުތަކުގައި ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި އެކި މުއައްސަސާތަކަށް އަމާޒުކޮށްގެން އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްއާރުސީއެމުން މައުލޫމާތު ދޭ ގޮތުގައި، ކޮމިޝަނުގެ ވަފުދުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ މާބައިދޫ، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، މާވަށް، އަދި މުންޑޫއަށެވެ. މިއީ މައުލޫމާތު ފަތުރައި އިންސާނީ ހައްޤުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އެ ކޮމިޝަނުން ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted