އީގަލް ހިލްސްގެ މަޝްރޫއު ރަނގަޅު، ރައްޔިތުން ތަނަވަސްކަން ބޭނުންވޭ: ނަޝީދު

Eagle hillsge mashroou rangalhu, rahyyithun thanavaskan beynunvey: Nasheedh

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ހިންގަން ހަވާލު ކުރުމުގެ މަޝްރޫއަކީ ރަނގަޅު ކަމެއް ކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަނަވަސްކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އުސޫލެއްގެ ގޮތުން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްތަކާއި، ޕްރައިވެޓައިޒޭޝަން އަދި އެސެޓް ސޭލްސްއަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ އުސޫލުތަކެއް ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، އެމަނިކުފާނުގެ ރައީސް ކަމުގައިވެސް މި މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި، އޭރު ފާހަގަކުރެއްވީ އެފަދަ ބޮޑު މަޝްރޫއެއް ރަނގަޅު ނަމަވެސް މާލެ ސަރަހައްދުގައި އެކަން ނުހިންގުމަށް ކަމަށް ވިދާޅުވިއެވެ. އެއީ މާލެ ސަރަހައްދުގައި އެފަދަ މަޝްރޫއުތައް ހިންގުމުން މި ސަރަހައްދު އިތުރަށް ތޮއްޖެހި، ރަށްތައް ފަޅުވެދާނެތީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓަށް ތާއިދު ކުރައްވާ ބޭފުޅެއް ކަމަށާއި، މިފަދަ މަޝްރޫއުތަކުން ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށެވެ. ”ރައްޔިތުން ބޭނުންވަނީ ތަނަވަސްކަން، ރައްޔިތުން މި ބޭނުންވަނީ އުފާވެރިކަން، ރައްޔިތުން ބޭނުންވަނީ ހާސްކަމެއް ނެތުން ބޯހިޔާވަހިކަމެއް ލިބުން، ވިޔަފާރީގެ ފުރުސަތެއް އޮތުން، އިގްތިސާދު ކުރިއަރާ ދިއުން،“ ނަޝީދު ވިދާޅުވިއެވެ. އަދި އިގްތިސާދު ކުރިއަރާ ދެވޭނީ ބޭރުގެ އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނެވިގެން ކަމަށާއި، އެއީ ބޮޑެތި އިންވެސްޓްމެންޓްތަކަށް ވުމަކީ ރަނގަޅު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމާލޭގެ ބިޔަ މަޝްރޫއު

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން އީގަލް ހިލްސް އިން ނިންމާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. ރާއްޖޭގެ ޖުމްލަ ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި ހުރިއިރު، މި މަޝްރޫއުގެ އަގު ޖީޑީޕީގެ ދެ ގުނައަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި، މަތީ ފަންތީގެ ބޯހިޔާވަހިކަމާއި، މެރީނާއަކާއި، މުނިފޫހިފިލުވުމާއި، ވިޔަފާރިއާއި، ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހިމެނޭ ފުރިހަމަ މަންޒިލެއްގެ ގޮތުގައި އެތަން ތަރައްގީކުރެވޭނެއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައެވެ. ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާރު 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ރަސްމާލެ ވަނީ ވެފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ތަން ހިއްކައި ނިންމުމެވެ.

އީގަލް ހިލްސް ކުންފުނީގެ ތަފްސީލު

އީގަލް ހިލްސްއަކީ ބުރްޖު ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލައްބާރު އުފެއްދެވި އަބޫދާބީގެ އަމިއްލަ ކުންފުންޏެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތައް ހިންގާ މި ކުންފުނިން ވަނީ މިދިޔަ އޮގަސްޓް މަހު އަބޫދާބީގެ ލުލޫ އައިލެންޑް އަލުން ތަރައްގީކުރުމުގެ މަސައްކަތާ ހަވާލުވެފައެވެ.

މީގެ އިތުރުން، އަލްބޭނިއާގައި 2.5 ބިލިއަން ޑޮލަރުގެ ’ދުރޭސް ޔޮޓްސް އެންޑް މެރީނާ‘ މަޝްރޫއު ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި 12،000 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ ޔުނިޓާއި ސުޕަ ޔޮޓް މެރީނާއެއް ހިމެނެއެވެ. އަދި ޔޫއޭއީގެ ޝާރްޖާގައި 1.2 ބިލިއަން ޑޮލަރުގެ ’މަރްޔަމް އައިލެންޑް‘ ވޯޓާ ފްރޮންޓް މަޝްރޫއުވެސް އެ ކުންފުނިން ދަނީ ތަރައްގީ ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted