އަމިއްލަ ކޮލެޖުތައް ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ ޤަވާއިދު އެކުލަވާލައިފި
Amihlla college thah university akah badhalukurumuge qavaaidhu ekulavaalaifi

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ގޮތަށް ހަމަޖައްސައި، ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމުގެ ޤަވާއިދު އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ. މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓްރީކުރުމާއި، ހިންގުމާއި، އަދި ޔުނިވަރސިޓީ އުވާލުމާ ގުޅޭ ކަންކަމުގައި އެއް މިންގަނޑަކުން ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުމެވެ.
ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ މައިގަނޑު ޝަރުތުތައް
ޤަވާއިދުގައިވާ ގޮތުން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ނުވަތަ ބޭރު ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރުވުމުންނެވެ. މީގެ އިތުރުން މަދުވެގެން 3 ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް މެދުކެނޑުމެއް ނެތި 5 އަހަރު ހިންގާފައިވުމާއި، ޑިގްރީ އަދި މާސްޓާސް ފެންވަރަށް ކިޔަވާ ދަރިވަރުންގެ އަދަދު މަދުވެގެން 1،000 އަށް އަރަންޖެހެއެވެ.
ހަމައެއާއެކު، ބައިނަލްއަޤުވާމީ ޔުނިވަރސިޓީ ރޭންކިންގައި ބައިވެރިވެ ރޭންކުކޮށްފައިވުމާއި، ބައިނަލްއަޤުވާމީ ޔުނިވަރސިޓީތައް ތަމްސީލުކުރާ ޖަމްޢިއްޔާއެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުން ހިމެނެއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ރިސާޗު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ 10 އިންސައްތައަކީ ޕީއެޗްޑީ ނުވަތަ ޤައުމީ އޮނިގަނޑުގެ ލެވެލް 10 ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި ޔުނިވަރސިޓީއަކަށް ބަދަލުވާތާ 2 އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ފަށަންޖެހެއެވެ.
ޕްރޮޕޯޒަލް އިވެލުއޭޓުކުރުމާއި ނަގާ ފީތައް
ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އެދި ޕްރޮޕޯޒަލް ހުށަހަޅަންޖެހެނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށެވެ. ހުށަހަޅާތާ 2 ހަފުތާ ތެރޭގައި އެޕްލިކޭޝަން ބަލައިގަތްކަން އަންގަންޖެހޭއިރު، ޕްރޮޕޯޒަލްތައް އިވެލުއޭޓުކުރާނީ މަތީ ތަޢުލީމު ދާއިރާގެ ދެ ތަޖުރިބާކާރުންނާއި، މިނިސްޓްރީގެ އިސް މުވައްޒަފަކާއި، އެމްކިއުއޭގެ އިސް މުވައްޒަފެއް އަދި ފައިނޭންސް ދާއިރާގެ މެމްބަރެއް ހިމެނޭހެން އެކުލަވާލާ 5 މެންބަރުންގެ ފަންނީ ކޮމިޓީއަކުންނެވެ. މި ކޮމިޓީން 3 މަސް ދުވަހުގެ ތެރޭގައި އެސެސްމަންޓް ރިޕޯޓް ނިންމައި ގޮތެއް ކަނޑައަޅަންޖެހެއެވެ.
ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރުމަށް 100,000 ރުފިޔާގެ ފީއެއް ދައްކަންޖެހޭއިރު، އިތުރު ކެމްޕަހެއް ރަޖިސްޓްރީ ކުރުމަށް ނުވަތަ ކެމްޕަސް ހުރި އިމާރާތް ބަދަލުކުރުމަށް 15,000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ލާނިން ސެންޓަރަކަށް 3,000 ރުފިޔާ، އައުޓްރީޗް ސެންޓަރަކަށް 2,500 ރުފިޔާ، ރަޖިސްޓްރީއަށް ބަދަލު ގެނައުމަށް 500 ރުފިޔާ އަދި ރަޖިސްޓްރީ ގެއްލިގެން އަލުން ހެއްދުމަށް 2,000 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި މިހާރު ހިންގަމުން އަންނަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީ އެކަންޏެވެ. އައު ޤަވާއިދާއެކު ރާއްޖޭގެ އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީ ފެންވަރަށް ބަދަލުވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.




