ކުޅިވަރު ވަސީލަތްތައް ޤަވާއިދުން މޮނީޓަރކުރުމަށް ޕްލޭނެއް އެކުލަވާލަނީ

Kulhivaru vaseelaithah qavaaidhun moniterkurumah planeh ekulavaalaee

ރަށްރަށުގައި ސަރުކާރުން ޤާއިމްކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި މަރާމާތުކުރުމަށްޓަކައި ޚާއްސަ ބަޖެޓަކާއެކު ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ”އަހާ“ ޕްރޮގްރާމުގައި، ރަށްރަށުގެ ކުޅިވަރު ދަނޑުތަކާއި ކޯޓުތައް ނުބެލެހެއްޓި ހަލާކުވަމުންދާތީ އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން އޮނިގަނޑު ރޭވިފައި އޮތް ގޮތުން ބައެއް ފެސިލިޓީތައް ކައުންސިލްގެ ދަށުގައި އަދި އަނެއްބައި ފެސިލިޓީތައް ވުޒާރާގެ ދަށުގައި ހުރުމުގެ ސަބަބުން، ވަށާޖެހޭ އުސޫލަކުން އެ ތަންތަން ބަލަހައްޓާނެ ނިޒާމެއް ޤާއިމްވެފައި ނެތް ކަމަށެވެ. މީގެ ސަބަބުން ގިނަ ވަސީލަތްތައް މަރާމާތު ނުކުރެވި، އެއްކޮށް ބަދަލުކުރަންޖެހޭ ހާލަތަށް ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”ވަރަށް ގިނަ ކުޅިވަރުގެ ވަސީލަތްތައްވަނީ މަރާމާތުކުރަންޖެހިފަ. ގިނަ ފަހަރަށް މާރާމާތު ކުރަންމިޖެހެނީވެސް، މާރާމާތުކުރަން އުނދަގޫވާ ވަރަށް ނުވަތަ ބަދަލުކުރަންޖެހޭ ހިސާބުން. މިކަންމިވަނީ އަޅުގަނޑުމެންގެ އޮނިގަނޑު ރާވާލެވިފައި އޮތް ގޮތުން މީގެ ކުރިން. ބައެއް ފެސިލިޓީސްތައް މިހުންނަނީ ކައުންސިލްތަކުގެ ދަށުގައި. އަނެއްބައި ފެސިލިޓީސްތައް މިނިސްޓްރީގެ ދަށުގައި. އުސޫލެއްގެ ދަށުން މިހުރިހާ ތަނެއް ބަލަހައްޓާނެ ނިޒާމެއް އެކުލެވިފައެއް ނެތް،“ ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ރޭވިފައިވާ ގޮތް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ރަށްރަށުގައި ޤާއިމްކުރަމުންދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގައި ރިޕެއަރ ކުރާ މީހުންނާއި އެޑްމިން އަދި ޕްރޮގްރާމްތައް ހިންގާ މުވައްޒަފުން ތިބޭނެ ކަމަށެވެ. އަދި އެ މުވައްޒަފުން މެދުވެރިކޮށް ދުވަހުން ދުވަހަށް މޮނީޓަރކޮށް، އައުޓްޑޯ ޖިމްތަކާއި ދަނޑުތައް ޤަވާއިދުން މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި މަސައްކަތް އެންމެ އެދެވޭ ގޮތުގައި ހިންގުމަށްޓަކައި ކޮންމެ ސެންޓަރަކަށް ޚާއްސަ މެއިންޓެނެންސް ބަޖެޓެއް ހަމަޖައްސަވާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ. ރާއްޖޭގެ އާބާދީއަކީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ ހަރަކާތުގެ ދަށުން، ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމަކާއި ފިޓްނެސް ސެންޓަރެއް އެޅުމުގެ ބިޔަ މަޝްރޫޢެއް ދަނީ ކުރިއަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted