އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްޤީކުރަނީ، ގަމު ހޮސްޕިޓަލްވެސް ހިމެނޭ

Atholhuthakuge 5 hospital eh tertiary fenavrah tharahqeekuranee, Gamu hospital vess himeney

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތަކުގެ ފެންވަރު މަތިކޮށް، ޓާޝަރީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޚާއްޞަ ޕްލޭނުގެ ދަށުން ޢަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ހާމަކުރައްވައިފިއެވެ. އެކަމަނާ މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސިއްޙީ ފަރުވާއަށްޓަކައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، ރައްޔިތުންނަށް އެމީހުން ދިރިއުޅޭ ސަރަޙައްދަކުން އެންމެ ފުރިހަމަ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަތޮޅުތެރޭގެ މައި ހޮސްޕިޓަލުތަކުގެ ވަސީލަތްތަކާއި ޚިދުމަތްތައް އަންނަނީ ވަރަށް ބޮޑަށް އިތުރުކުރަމުންނެވެ.

ރީޖަނަލް ހޮސްޕިޓަލުތަކަށް ގެންނަމުންދާ ކުރިއެރުންތައް

ހޮސްޕިޓަލުތަކުގައި ކުރިއަށްދާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕަލްމޮނޮލޮޖީ، ނިއުރޮލޮޖީ، ޔޫރޮލޮޖީ، ނެފްރޮލޮޖީ އަދި ކާޑިއޮލޮޖީގެ ޚިދުމަތް މިހާރުވެސް އަންނަނީ ދެމުންނެވެ. އަދި ޑައިލިސިސް އެނދުގެ ޢަދަދު 4 އިން 10 އަށް އިތުރުކޮށް، އީއާރު ޚިދުމަތް ފުޅާކޮށްފައިވާއިރު، ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މީގެއިތުރުން، އައިސޮލޭޝަން އިމާރާތް މިއަހަރުގެ ނިޔަލަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް އެމްއާރުއައި، ކީމޯތެރަޕީ، ނިއުރޮލޮޖީ، ނެފްރޮލޮޖީ، ޕަލްމޮނޮލޮޖީގެ އިތުރުން ތެރަޕީގެ ޚިދުމަތްތައް ފަށައި، ތިއޭޓަރުތައް އަޕްގްރޭޑްކޮށް ލެޕަރޮސްކޯޕިކް ސާޖަރީތައް ދަނީ ހަދަމުންނެވެ. އަދި ބްލަޑް ބޭންކަކާއި ޑެންޓަލް ޑިޕާޓްމަންޓެއް ހުޅުވައި، އައިޔޫއައިގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ލ.ގަން ހޮސްޕިޓަލުގައި ކާޑިއޮލޮޖީގެ ޚިދުމަތް ދެމުން އަންނައިރު، އިތުރު މެޝިނަރީ ހޯދުމުގެ މަސައްކަތާއި، އެމްއާރުއައި އިމާރާތް އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކާޑިއޮލޮޖީ އާއި ނެފްރޮލޮޖީގެ ޚިދުމަތް ދޭން ފަށާފައިވާއިރު، ފުވައްމުލައް ހޮސްޕިޓަލު ފިޔަވަހިތަކަކަށް ބަހާލައިގެން ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޕްލޭނާއި ބަޖެޓް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑައިލިސިސް ޚިދުމަތާއި ދާއިރާގެ ވަޢުދުތައް

ޑައިލިސިސް ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ”ޑައިލިސިސްގެ ޚިދުމަތް ފަށަނީ އެ ސަރަޙައްދެއްގައި ބަލި މީހުން ތިބި ނިސްބަތަށް ބެލުމަށްފަހު. ވީހާވެސް ބޮޑަށް ބަލަނީ އެޓްލީސްޓް ބަލި ތިން މީހުން ތިބިނަމަ. ވަރަށް ބޮޑަށް ދިރާސާ ކުރަމުންދޭ މާލެއިންތޯ ޑައިލިސިސް ހަދާނީ ނޫނީ އަތޮޅުންތޯ“ ކަމަށެވެ.

ސިއްޙީ ދާއިރާއިން ވެފައިވާ ވަޢުދުތަކުގެ ތެރެއިން %67 ވަޢުދު މިހާރު ހާސިލުވެފައިވާ ކަމަށާއި، މި ދާއިރާއިން 835 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ހިނގަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މި ސަރުކާރުން ސިއްޙީ ދާއިރާގެ ކުރިއެރުމަށް މިހާތަނަށް 5.98 ބިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށްގެންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted