އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން ފަށައިފި
Ehgamu dhathurufathuruge aa qaanoonah amalukuran fashaifi

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވާފައިވާ އެއްގަމު ދަތުރުފަތުރުގެ އާ ޤާނޫނަށް ޢަމަލުކުރަން ފަށައިފިއެވެ. މި އައު ޤާނޫނުގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި، ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމާއި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ކަނޑައަޅާފައެވެ.
ނުރައްކާތެރިކޮށް ދުއްވުމާއި އުޅަނދުގެ ކޮންޓްރޯލް ދޫކޮށްލުމުގެ އަދަބުތައް
މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދުއްވާފައިދާ އުޅަނދެއްގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ދިނުމާއި، ފަސިންޖަރު ސީޓުގައި އިންނަ މީހަކަށް ހުންގާނު ހަވާލުކުރުމަކީ ކުށެކެވެ. މިފަދަ ޢަމަލުތަކަށް ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ޖޫރިމަނާގެ އަދަދު 50,000 ރުފިޔާއިން ފެށިގެން 100,000 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރީ ކުޑަކުއްޖަކާ ނަމަ ސީދާ 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، އަނިޔާއެއް ލިބިއްޖެ ހާލަތެއްގައި 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މީގެއިތުރުން، މިފަދަ ކުށްތައް ސާބިތުވާ ފަރާތްތަކުގެ ލައިސަންސް 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެއެވެ. ލައިސަންސް ނެތް ފަރާތެއްނަމަ އެ މުއްދަތުގައި ލައިސަންސް ނެގުން މަނާވާނެ ކަމަށާއި، އަލުން ލައިސަންސް ދޫކުރެވޭނީ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ފާސްވުމުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، މީހަކަށް ގެއްލުމެއް ނުވަތަ ފުރާނައެއް ގެއްލިއްޖެ ހާލަތެއްގައި ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ދަޢުވާ ކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.
އިންޝުއަރެންސާއި އުޅަނދު ބޭނުންކުރުމުގެ މުއްދަތު
ޤާނޫނުގެ 128 ވަނަ މާއްދާގެ ދަށުން އިންޝުއަރ ނުކޮށް އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، އެފަދަ ހާލަތްތަކުގައި ދުއްވި މީހާ 1،000 ރުފިޔާއިން ފެށިގެން ތަކުރާރުވާ ނިސްބަތުން ޖޫރިމަނާކޮށް ޑީމެރިޓް ޕޮއިންޓް އުނިކުރެވޭނެއެވެ. އަދި އުޅަނދުގެ ވެރިފަރާތްވެސް 3،000 ރުފިޔާއިން ފެށިގެން ތަކުރާރުވާ ނިސްބަތުން ޖޫރިމަނާކުރެވޭނެއެވެ. މީގެއިތުރުން، ތާރީޚީ އުޅަނދުތައް ފިޔަވައި އެއްގަމު އުޅަނދު ބޭނުންކުރެވޭނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 20 އަހަރުގެ މުއްދަތަށެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު 18 އަހަރާއި 20 އަހަރާ ދެމެދުގެ އުޅަނދުތަކުގެ ރަޖިސްޓަރީ 3 އަހަރުގެ ތެރޭގައި ބާޠިލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުޅަނދުގައި ޚާއްޞަ ނަންބަރެއް ނުވަތަ އަކުރުތަކެއް ޖެހުމުގެ ފީ، ހަތަރު ފުރޮޅުލީ އުޅަނދަށާއި އެނޫން އުޅަނދުފަހަރަށް ވަކިވަކިން ކަނޑައެޅޭ ގޮތަށް އިސްލާހުކޮށްފައިވާއިރު، އުޅަނދުގެ ވެރިފަރާތުގެ މަޢުލޫމާތު އެނގޭނޭ ލިޔުމެއް އުޅަނދުގައި ހަރުކުރުމާއި، މުވައްޒަފުންގެ ނަމާއި މަޤާމު އެނގޭ ބެޖެއް ހަރުކުރުން ވަނީ ލާޒިމުކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތަކަށް ފުލުހުންގެ ޤަޞްދަކާ ނުލައި ލިބޭ ގެއްލުމަކަށް އެ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
މާލޭގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމުގެ ފިޔަވަޅުތައް
މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޤާނޫނުގެ 8 ވަނަ ބާބުގެ ދަށުން 3 އަހަރުގެ މުއްދަތަކަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ”ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް“ އުފެއްދުމާއި، މާލޭގައި ރަޖިސްޓަރީކުރެވޭނެ އުޅަނދުގެ ޢަދަދު ކަނޑައެޅުމާއި، މަލްޓިޕަލް އޯނަޝިޕް ފީ ތަޢާރުފުކުރުން ހިމެނެއެވެ. އަދި ފުލުހުން ހިންގާ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމުގެ އިތުރުން، ”ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް“ ޤާއިމުކުރުމަށްވެސް މި ޤާނޫނުގައި ވަނީ ހިމަނާފައެވެ.




