ގަމުގެ ބަހުރުވައިގެ މަޖައްލާއަށް ލިޔުން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައިފި

Gamuge bahuruvain majalla ah liun hushaelhumuge dauvathu hulhuvaalaifi

ލ. ގަމުގެ އަމިއްލަވަންތަ ބަހުރުވައާއި، މުއްސަނދި ތާރީޚާއި، އަދި އާދަކާދަތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ތައްޔާރުކުރާ ޚާއްޞަ މަޖައްލާއަށް ލިޔުން ހުށަހެޅުމުގެ ފުރުޞަތު ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.

މި ދަޢުވަތުގެ މައިގަނޑު މަޤްޞަދަކީ ލ. ގަމަށް އުފަން އަދި އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކިބައިގައިވާ ލިޔުންތެރިކަމުގެ ހުނަރު ކުރިއަރުވައި، ރަށުގެ ސަގާފަތާއި ތާރީޚު ލިޔުމުން ރައްކާކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. މި މުބާރާތް އަމާޒުކޮށްފައިވަނީ ލ. ގަމަށް ނިސްބަތްވާ ނުވަތަ އެ ރަށުގައި ދިރިއުޅޭ ކޮންމެ ފަރާތަކަށެވެ.

މަޖައްލާއަށް ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ:

1. ކާބަފައިންފުށު ވާހަކަތައް: ރަށުގެ ތާރީޚާ ގުޅުންހުރި އިހުޒަމާނުގެ ވާހަކަތަކާއި، ކާބަފައިންގެ ފަރާތުން އަޑުއަހާފައިވާ އާދަޔާޚިލާފު ނުވަތަ ބިރުވެރި ވާހަކަތައް (500 އާއި 1000 ބަހާއި ދެމެދު).
2. ހަނދާނުގެ ސަފުހާތައް: ކުރީގެ މަސްވެރިކަމާއި، ކައްކާ އުޅުނު ގޮތާއި، ދަތުރުފަތުރާއި ރަށުތެރޭގެ ދިރިއުޅުން ދައްކުވައިދޭ ހަނދާނީ ލިޔުންތައް (500 އާއި 1000 ބަހާއި ދެމެދު).
3. ބަހުރުވައިގެ މަޒުމޫނު: ގަމުގައި ބޭނުންކުރާ ތަފާތު ބަސްތަކާއި، ބަހަވީ އާދަތަކާއި، ވާހަކަދެއްކުމުގެ ވައްޓަފާޅި ބަޔާންކޮށްދޭ މަޒުމޫނު (500 އާއި 1000 ބަހާއި ދެމެދު).
4. އީޖާދީ ޅެންވެރިކަން: ލ. ގަމުގެ ބަހުރުވައިގެ ރަހަލާގޮތަށް ހަދާފައިވާ ޅެން، ލަވަ، ރައިވަރު، ނުވަތަ ފަރިހި.

މި މުބާރާތަށް ހުށަހަޅާ ލިޔުންތައް ހުންނަންވާނީ އެ ރަށްވެއްސަކު ބަސްމޮށޭ މާދަރީ ބަހުރުވައިންނެވެ. އަދި ހުށަހަޅާ ލިޔުމަކީ މީގެ ކުރިން އެއްވެސް ނޫހެއްގައި، މަޖައްލާއެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިނުވާ އަމިއްލަ އައު ލިޔުމަކަށް ވާންޖެހޭނެއެވެ. މި މުބާރާތުގެ ކޮންމެ ދާއިރާއަކުން 1 ވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 އޮކްޓޯބަރު 8 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ލިޔުން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ޚާއްޞަ އޮންލައިން ލިންކު މެދުވެރިކޮށް ލިޔުންތައް ފޮނުވުމަށް ކައުންސިލުން އެދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted