ނަފުސާނީ ގޮންޖެހުންތަކާއި ހާސްކަމަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ﷲ ހަނދުމަކުރުން: ޚުތުބާ
Nafsaanee gonjehunthakaai haaskamah oiy enmme furiahma faruvaa akee Allah handhumakurun: Khuthubaa

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި ނަފުސާނީ އެކި ގޮންޖެހުންތަކުގެ އިތުރުން ދަތިތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. މާތް ﷲ ހަނދުމަކުރުމަކީ ހިތްތަކުގެ ދިރުން ކަމަށާއި އެކަލާނގެ ޙަޟްރަތާ ކުއްތަންވުމަށް އޮތް އެންމެ ކުރު އަދި އެންމެ ފަސޭހަ މަގު ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ.
މާތް ﷲ ހަނދުމަކުރުމުގެ މައިގަނޑު ތިން ބައި
ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް ﷲ ހަނދުމަކުރުން މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ ހިތުގެ އިޚްލާޞްތެރިކަމާއެކު ކާއިނާތުގެ އުފެއްދުންތަކާ މެދު ފިކުރުކޮށް ހަނދުމަކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި ތަސްބީޙަ ކިޔުން ފަދަ ދުލުން ކުރެވޭ ޛިކުރުތަކުގެ އިތުރުން، ފަރުޟު ނަމާދުތަކާއި އަޅުކަންތައް ފުރިހަމަކޮށް، މައިންބަފައިންނަށް އޯގާތެރިވުން ފަދަ ޢަމަލީ ގޮތުން ނުވަތަ ގުނަވަންތަކުގެ ޒަރީޢާއިން ހަނދުމަކުރުމެވެ.
ޛިކުރުކުރުމުގެ މާތްކަން އަންގައިދޭ މުހިންމު ކޯޓްތައް
ހިތްތަކަށް ހަމަޖެހުން ލިބެނީ މާތް ﷲ ހަނދުމަކުރުމުންކަން ބަޔާންކުރައްވައި ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނަ ޚުތުބާގައި ގެނެސްދީފައިވެއެވެ. އެ އާޔަތުގެ މާނައިގައިވެއެވެ. ”އެއުރެންނީ، إيمانވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟“
ހަމައެއާއެކު، ޛިކުރުކުރާ މީހާއާއި ޛިކުރުނުކުރާ މީހާގެ ތަފާތު ހާމަކުރައްވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ޚުތުބާގައި ވިދާޅުވިއެވެ. ”އެ މީހެއްގެ ވެރިރަސްކަލާނގެ ހަނދުމަކުރާ މީހާއާއި، އެކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ، ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ.“
މީގެ އިތުރުން، އަޅުތަކުން މާތް ﷲއާ ކުއްތަންވުމަށް ކުރާ ކަންކަމަށް ސަވާބާއި ދަރުމަ ދެއްވުމުގައި އެކަލާނގެ ދީލަތިވަންތަކަން ބަޔާންކުރައްވައި ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ”ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅާ ހީކުރާ ގޮތެއްގެ މަތީގައެވެ. އޭނާ ތިމަންރަސްކަލާނގެ ހަނދުމަކުރާ ހިނދު، އޭނާއަށް ނަޞްރާއި މަދަދުދެއްވުމުގައި ތިމަންރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވަމެވެ.“
ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައިވެސް ދޫ ޛިކުރުން ތެތްކުރުން
ޛިކުރުކުރުމަކީ ހަމައެކަނި މިސްކިތުގައި އިނދެގެން ކުރާ ކަމެއް ނޫން ކަމަށާއި، ދަތުރުފަތުރުގެ ވަގުތުތަކުގައްޔާއި މަސައްކަތުގެ މައިދާނުގައި ވެސް ޛިކުރު ކުރެވޭނެ ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. އަދި ކީރިތި ރަސޫލާ z ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި، ”މާތްﷲ ހަނދުމަކުރުމުން ތިބާގެ ދޫ އަބަދުވެސް ތެތްކަންމަތީ ބާއްވާށެވެ،“ އޮންނަކަން ހަނދާންކޮށްދެއްވިއެވެ.
ޚުތުބާ ނިންމާލަމުން ވަނީ، ޙަޤީޤީ ޛިކުރަކީ ދުލުން ކިޔާ ކަލިމަތަކާއެކު ހިތް ހާޒިރުކޮށް، ފާފަތަކާ ދުރުހެލިވުން ކަމަށް ބުނެދީފައެވެ. އަދި ހެނދުނާއި ހަވީރުގެ ދުޢާތަކަށާއި ނަމާދުގެ ފަހުގައި ކުރާ ޛިކުރުތަކަށް ފަރުވާތެރިވުމަށް އެންމެހައި މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.




