މިދިޔަ މަހު ރާއްޖެއަށް 1.5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން: އަހަރުގެ މިހާތަނަށް 1.6 މިލިއަން ފަހަނައަޅައިފި

Midhiya mahu raajjeah 1.5 lakka ahvure gina fathuruverin: aharuge mihaathnah 1.6 million fahana alhaifi

ނިމިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ރާއްޖެއަށް 150،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކުރިއަށް އޮތުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިން އަންނަ އަދަދު އިތުރަށް މައްޗަށްދާނެ ކަމަށް ސަރުކާރާއި މި ސިނާއަތުގެ ފަރާތްތަކުން ލަފާކުރެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިދިޔަ ސެޕްޓެންބަރު މަހު ރާއްޖެއަށް ޖުމްލަ 150,764 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 151,114 ފަތުރުވެރިންނާ އަޅާބަލާއިރު 0.2 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,872 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ ސެޕްޓެންބަރު 26 ވަނަ ދުވަހުއެވެ. އެ ދުވަހު 6,284 ފަތުރުވެރިން ރާއްޖެ އެތެރެވިއެވެ.

މިދިޔަ މަހުގެ އަދަދުތަކާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 1,603,021 އަށް އަރާފައެވެ. ނަމަވެސް، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 1,659,031 ފަތުރުވެރިންނާ އަޅާބަލާއިރު 3.4 އިންސައްތައިގެ ދަށްވުމެކެވެ.

މާކެޓްތަކުގެ ކުރީގައި ޗައިނާ އަދި ރަޝިއާ

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމަކީ ޗައިނާއެވެ. އެ ޤައުމުން 300,977 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެވަނައިގައި ރަޝިއާ އޮތީ 229,236 ފަތުރުވެރިންނާއެކުގައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 119,968 ފަތުރުވެރިން، ޖަރުމަނުވިލާތުން 99,062 ފަތުރުވެރިން އަދި އިޓަލީވިލާތުން 98,039 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު ބައެއް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 1,158,404 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، ގެސްޓްހައުސްތަކުގައި 345,220 ފަތުރުވެރިން، ހޮޓާތަކުގައި 36,106 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 29,679 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެވި ފަތުރުވެރިންގެ ތެރެއިން 1,587,438 މީހުން އައިސްފައިވަނީ ވައިގެ މަގުންނެވެ. އޭގެ ތެރެއިން ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 1,569,214 ފަތުރުވެރިން އެތެރެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އަދި ގަން އެއަރޕޯޓުން 5,606، މާފަރު އެއަރޕޯޓުން 5,032، ހަނިމާދޫ އެއަރޕޯޓުން 3,331، މާމިގިލީ އެއަރޕޯޓުން 2,971 އަދި ދާލު އެއަރޕޯޓުން 1,284 ފަތުރުވެރިން ވަނީ ރާއްޖެ އެތެރެވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted