ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު ފާގަތިވާނެކަމުގެ އިތުބާރު އެބައޮތް: ވަޒީރު
Raajjeyge fathruverikamuge kurimagu faagathivaane kamuge ithubaaru ebaoiy: Vazeeru

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު އިތުރަށް ކާމިޔާބުވެ، ފާގަތިވާނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، މިއަދު ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ ޒަމާނީ ތާރީހުގައި ލިޔެވިފައިވާ އެންމެ ފަހުރުވެރި ގައުމީ ކާމިޔާބީއަށް 54 އަހަރު ފުރުނު ތާރީހީ މުނާސަބަތު ކަމަށެވެ. އެގޮތުން، ނުހަނު އާދައިގެ ގޮތަކަށް ފެށި މި ދަތުރު، މިއަދު މުޅި ދުނިޔެ ޝައުޤުވެރިވާ އަދި އިހުތިރާމްކުރާ ފަދަ ފުރިހަމަ ސިނާއަތަކަށް ބަދަލުވެ، ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖެއަކީ އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި ވިދާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، މި ސިނާއަތުގެ ބިންގާ އަޅުއްވައިދެއްވި ހިކުމަތްތެރި ބާނީންނަށް ވަޒީރު ވަނީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެއިތުރުން، މި ދާއިރާގައި އަގުނުކުރެވޭފަދަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ މުރާލި މުވައްޒަފުންނަށާއި، އިންވެސްޓަރުންނާއި، ވިޔަފާރިވެރިންގެ އިތުރުން މި ސިނާއަތުގެ ކުރިއެރުމަށް ގަދައަޅައި މަސައްކަތްކުރައްވާ އެންމެހައި ފަރާތްތަކަށް ވެސް ވަޒީރު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވައި، ދިވެހި އެތައް ޖީލަކަށް އާމްދަނީއާއި ކުރިއެރުމުގެ ފަހި ފުރުސަތުތައް ހުޅުވައިދިން މައިގަނޑު ސިނާއަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ ބައިނަލްއަގްވާމީ މައިދާނާ ގުޅުވައިދީ، ދުނިޔޭގެ ޗާޓުގައި ރާއްޖެއަށް ހާއްސަ ގަދަރަކާއި ޝަރަފުވެރި ނަމެއް ހޯދައިދިނީ ވެސް މި ސިނާއަތުން ކަމަށާއި، މިއަދު ފާހަގަކުރެވެމުން މިދަނީ މި ކާމިޔާބު ގައުމީ ދަތުރުގެ ފަހަތުގައިވާ އެންމެހައި ފަރާތްތަކުގެ އަގުހުރި ގުރުބާނީއާއި ބުރަ މަސައްކަތް ކަމުގައިވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަސް ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކ. ވިހަމަނާފުށީގައި ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ކަމަށްވާ ”ކުރުނބާ ވިލެޖު“ (މިހާރުގެ ކުރުނބާ މޯލްޑިވްސް) ރަސްމީކޮށް ހުޅުވި ތާރީހީ ދުވަހާ ގުޅުވައިގެންނެވެ.



