ސެޕްޓެމްބަރު މަހު މަސް ކިރުވި 453 އުޅަނދަކަށް ޖުމްލަ 27.3 މިލިއަން ރުފިޔާ ދޫކޮށްފި: މިފްކޯ
September mahu mass kiruvi 453 ulhadhankah jumla 27.3 million rufiyya dhookohffi: MIFCO

ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަސްވެރިންނަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު އެ ކުންފުންޏަށް މަސް ކިރުވި 453 އުޅަނދަކަށް ޖުމްލަ 27,323,275 (ހަތާވީސް މިލިއަން ތިންސަތޭކަ ތޭވީސް ހާސް ދުއިސައްތަ ހަތްދިހަ ފަހެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ މުއްދަތުގައި ޖުމްލަ 1,288.42 ޓަނުގެ މަސް ވަނީ މިފްކޯއަށް ކިރުވާފައެވެ.
ކަޅުބިލަމަހާއި ބޮޑުކަންނެލީގެ ތަފާސްހިސާބު
މިފްކޯއަށް ކިރުވި މަހުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަހެވެ. އެގޮތުން 451 ދޯންޏަކުން 1,284.1 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ މަހަށްވާ 27,226,550 (ހަތާވީސް މިލިއަން ދުއިސައްތަ ސައްބީސް ހާސް ފައްސަތޭކަ ފަންސާސް) ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މީގެއިތުރުން، ބޮޑުކަންނެލީގެ ބާވަތްތަކަށް ބަލާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި އެއް ދޯންޏަކަށް 900 ރުފިޔާ ޖަމާކޮށްދީފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 5 ދޯންޏަކަށް ޖުމްލަ 95,825 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، މި ވައުދާ އެއްގޮތަށް މަސްވެރިންނަށް ގަވާއިދުން އަދި އަވަހަށް ފައިސާ ދޫކުރުމުގެ އިންތިޒާމުތައް މިފްކޯއިން އަންނަނީ ހަމަޖައްސަމުންނެވެ.




