ގްރީން ޓެކްސްގެ ގޮތުގައި މިއަހަރު މިހާތަނަށް 1.5 ބިލިއަން ރުފިޔާ ލިބިއްޖެ

Green tax ge gothugai mi'aharu mihaathanah 1.5 billion rufiyya libihjje

މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 1.5 ބިލިއަން އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 24 ގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 0.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ އެކި މަޝްރޫއުތަކަށް ފައިސާ ހޯދުމުގެ މަގުސަދުގައި ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކްސް ނަގަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ހުންނަ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ އުޅަނދުފަހަރުންނެވެ.

މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ 180 ރިޒޯޓާއި، 16 ހޮޓާ، 927 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު އަންނަނީ ހިންގަމުންނެވެ.

ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ނަގަމުން އަންނަނީ ރިޒޯޓުތަކާއި، ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުންނެވެ. އެފަދަ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 12 ޑޮލަރު ނަގާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ 50 ކޮޓަރިއަށްވުރެ މަދު ކޮޓަރި ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ނަގަނީ ދުވާލަކަށް 6 ޑޮލަރެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted