ގަމުން ހުއްދަނެތި ރުއްގަސް ބޭރުކުރުން މަނާކޮށް އުސޫލެއް ހަދަނީ
Gamun huhdhanethi ruhgass beyrukurun manaakoh usooleh hadhanee

ލ. ގަމުގެ ހޭޅިފަށުންނާއި އެކި ސަރަޙައްދުތަކުން ރުއްގަސް ކަނޑައި، އުފުރައިގެން ރަށުން ބޭރުކުރުން އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި ޚާއްޞަ އުސޫލެއް އެކުލަވައިލުމަށް ގަމު ކައުންސިލުން ނިންމައިފިއެވެ.
ގަމު ކައުންސިލުން ޢާންމުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުގެ ހޭޅިފަށުން މަގޫގަހާއި ކަށިކެޔޮ ފަދަ ތިމާވެއްޓަށް މުހިންމު ގަސްގަހާގެއްސާއި ރުއްގަސް ކެނޑުމާއި އުފުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމުގެ ސަބަބުން ރަށުގެ ފެހިކަން ކުޑަވެ، ބިމުގެ ފަސްގަނޑު ދޫވެ، ރަށުގެ ބިންގަނޑަށާއި ފެންފަށަލައިގެ އިތުރުން މުޅި ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލަ ޙައްލުކުރުމަށާއި، މިފަދަ ކަންކަން މޮނިޓަރކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، ގަމުން ރުއްގަސް ބޭރުކުރުމާ ގުޅޭ ޚާއްޞަ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެ ރަށުން އެއްވެސް ބާވަތެއްގެ ރުއްގަހެއް ބޭރުކުރެވޭނީ ކައުންސިލުން އެކުލަވައިލާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ނަގަންޖެހޭ އެންމެހައި ހުއްދަތައް ފުރިހަމަކުރުމަށްފަހުގައެވެ. އަދި މި އުސޫލާ ޚިލާފަށް، ހުއްދަ ނުނަގައި ރުއްގަސް ބޭރުކުރާ ފަރާތްތަކާމެދު ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ގަމު ކައުންސިލުން ވަނީ އިންޒާރު ދީފައެވެ.




