މުދަލަކީ އިމްތިޙާނެއް، ޙަރާމް ގޮތުގައި ހޯދުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއް: ޚުޠުބާ
Mudhalakee imthihaaneh, haraam gothugai hoadhumakee amaanaathah vevey khiyaanaatheh: Khuthubaa

އިންސާނުންނަށް ލިބިފައިވާ މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވާފައިވާ އެއްޗެއް ނޫން ކަމަށާއި، އެއީ ވަގުތީ އަމާނާތެއްގެ އިތުރުން ނުރައްކާތެރިކަން ބޮޑު އިމްތިޙާނެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
”މުދަލަކީ މާތް ﷲގެ ޙައްޤެކެވެ“ މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ ﷲގެ ފުރިހަމަ މިލްކުވެރިކަމުގައިވާ ތަކެއްޗެވެ. އަދި އިންސާނުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ އިއްތިފާޤަކުން ނޫން ކަމަށާއި، އެއީ ﷲގެ ޙިކުމަތްވަންތަކަމާ އެކު އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް މިންވަރުކުރައްވާ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އެހެންކަމުން މުހިންމީ އެއްކުރެވުނު މުދަލުގެ މިންވަރު ނޫން ކަމަށާއި، މި އިމްތިޙާނުން ކާމިޔާބު ހޯދުނުތޯ އަމިއްލަ ނަފުސާ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މުދަލަށް ދަހިވެތިވުމުގެ ނުރައްކާތެރިކަން ހާމަކުރައްވަމުން ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅަކާ ޙަވާލާދީ ޚުޠުބާގައި ވިދާޅުވީ، ”ބަކަރި އައިނެއްގެ ތެރެއަށް، ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން، އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ހުރި ގެއްލުމާއި ފަސާދަ މާ ބޮޑެވެ.“ މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، ދީން ހަލާކުވެ، އަޚުލާޤު ފަސާދަވެ، ﷲއާ އޮންނަ ގުޅުން ކެނޑިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޤިޔާމަތް ދުވަހު އިންސާނާ މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެކަން ކަށަވަރުވާތީ، މުދާ ހޯދަންވާނީ ﷲ ކަނޑައަޅުއްވާފައިވާ ހުއްދަ އިންތަކުގެ ތެރެއިން ކަމަށް ޚުޠުބާގައި ބާރުއެޅުއްވިއެވެ. އެގޮތުން ރިބާއާއި، ރިޝްވަތާއި، މަކަރާއި ޙީލަތާއި، ވައްކަމާއި ޖުވާ އަދި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ޙަރާމް ގޮތްގޮތުން ފައިސާ ހޯދުމަކީ ހަމައެކަނި މާލީ ކުށެއް ނޫން ކަމަށާއި، އެއީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމުގައި ބަޔާންކުރެއްވިއެވެ. މިފަދަ ޢަމަލުތަކަށް އިންޒާރު ދެއްވަމުން ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް ގެންނަވައި ވިދާޅުވީ، ”ހަމަކަށަވަރުން، މާތް ﷲގެ މުދާ، ޙައްޤަކާ ނުލައި ނަހަމަ ގޮތުގައި ބޭނުންކުރާ ބަޔަކު މީސްތަކުންގެ ތެރޭގައި ވެއެވެ. ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ހުރީ ނަރަކައެވެ.“
މުދާ ހޭދަކުރުމުގައި އިސްކަންދޭންޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، އެންމެ ފުރަތަމަ ވާޖިބަކީ އަނބިދަރިންނާއި މައިންބަފައިން ހިމެނޭހެން އަމިއްލަ އަހުލުވެރިންނަށް ކުރާ ހޭދަ ކަމަށެވެ. އަދި އޭގެ ފަހުގައި ގާތްތިމާގެ މީހުންނަށާއި، ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުމުގެ އިތުރުން ފަރުޟު ޒަކާތް އަދާކުރުމަކީ މުދަލުގެ އަސްލު މިލްކުވެރި ފަރާތުން އަޅުގަނޑުމެންނާ ޙަވާލުކުރެއްވި އަމާނާތް އަދާކުރުން ކަމުގައި ބަޔާންކުރިއެވެ. ހަމައެއާއެކު، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، މުދާ އިސްރާފުކޮށް ބޭކާރު ގޮތުގައި އުކާލުމަކީ ވެސް އަމާނާތަށް ޚިޔާނާތްތެރިވުން ކަމުގައި ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.




