ޙައްޖު ކިޔޫގައި 3 އަހަރުވެފައިވާ 70 އަހަރުން މަތީގެ އެންމެނަށް 1448 ގައި ފުރުސަތު ދެނީ

Hajj queue gai 3 aharuvefaivaa 70 aharun matheege enmenah 1448 gai furusathu dhenee

ޙައްޖު ކިޔޫގައި ތިބޭތާ 3 އަހަރުވެފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ތެރެއިން، ޙައްޖު ކިއުގައި ތިބި ގިނަ ޢަދަދެއްގެ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ވީހާވެސް އަވަހަށް ފަރުޟު ޙައްޖު އަދާކުރުމުގެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

މިކަމުގެ ތަފްޞީލު ހާމަކުރައްވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ އެންމެންނަށް ހަމަހަމަކަމާއެކު މައުޟޫޢީ ގޮތެއްގައި ޢުމުރަށާއި ކިޔޫއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި މިއަންނަ ޙައްޖުން ފެށިގެން ފައިސާ ދައްކާތާ 3 އަހަރުވެފައިވާ 70 އަހަރުން މަތީގެ އެންމެނަށް ފުރުޞަތު ލިބޭއިރު، އެހީތެރިންނާއެކު ގާތްގަނޑަކަށް 410 މީހުންނަށް މި ގްރޫޕުގެ ތެރެއިން ޙައްޖަށް ދެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި އުޞޫލުގެ ދަށުން 3 އަހަރު ވެފައިވާ ކަމަށް ބަލާނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށް ފައިސާ ދައްކާފައިވާ ފަރާތްތައް ކަމަށެވެ. އަދި 70 އަހަރުން މަތި ކަމަށް ބަލާނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށް އެ ޢުމުރު ފުރޭ މީހުންނެވެ. އެގޮތުން 70 އަހަރުން މަތީގެ 324 މީހަކަށް 1448 ވަނަ އަހަރު ފުރުޞަތު ލިބޭއިރު، އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނެއެވެ. މީގެ އިތުރުން 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް ލަފާކުރެވޭ 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް ފުރުޞަތު ލަސްނުވާނެހެން އިސްކަންދެވޭނެ ކަމަށްވެސް ފިރްޒުލް ވިދާޅުވިއެވެ.

މި އުޞޫލުން ފުރުޞަތު ލިބޭނީ މީގެ ކުރިން ޙައްޖުވެފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރާ ފަރާތްތަކަށެވެ. އަދި އެފަދަ ފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ ޢާއިލީ މެންބަރުންގެ ތެރެއިން އެކަކަށް ފުރުޞަތު ނުގެއްލޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ވަނީ ކަނޑައަޅާފައެވެ.

މި ބަދަލާއެކު ކިޔޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައި ނަމަވެސް، މިއީ ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ މީހުންގެ ޢަދަދު ކިޔޫގައި މަދުކޮށް، ކުރިއަށް އޮތް ތަނުގައި ޒުވާން ޢުމުރުފުރާތަކަށްވެސް ފުރުޞަތުތައް އަވަސްވެގެންދާނެ ކަމެއް ކަމަށް ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted