އޮނިގަނޑާއެކު މުސާރަ ބޮޑުނުވާ މުވައްޒަފުންނަށް މައްސަލަ ހައްލުކޮށްދޭނަން: ރައީސް

Onigandaaeku musaara bodunuvaa muvahzafunah mahssala hahlukohdheynan: Raees

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ’ރައްޔިތުންގެ އަޑު‘ ގެ ހަ ވަނަ އެޕިސޯޑުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރާ މުވައްޒަފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ 31 އަހަރު ވެފައިވާ އެ އަންހެން މުވައްޒަފު ވަނީ، މުސާރައިގެ އޮނިގަނޑަށް މިފަހަރު ގެނައި ބަދަލާއެކު އޭނާގެ މުސާރަ ބޮޑުނުވާ މައްސަލަ ރައީސްއާ ހިއްސާކޮށްފައެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، އެފަދަ ގޮތަކަށް ކަންތައް ވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގެއަށް ގެންދަން ލިބޭ މިންވަރު ކުޑަވެގެން ނުވާނެ ކަމަށް ޕޭ ކޮމިޝަނުގައި ވެސް ދަންނަވާފައިވާނެ ކަމަށާއި، އެމަނިކުފާނުގެ ވައުދަކީ މުވައްޒަފުން ގެއަށް ގެންދާ އެއްޗެއް ބޮޑުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު ބޭނުން ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އެއްޗެއް ކުރިއަށްވުރެ ބޮޑުވާން، އެއީ އޭގެ އެންމެ ބޮޑު މަގްސަދަކީވެސް، ވައުދުވި ގޮތަކީވެސް. އެގޮތަށް ނުވެ ހައްލުނުވެ ހުރިހާ އެންމެންނަށް ހައްލު ކުރަން އަދިވެސް ދަންނަވައިގެން، ހުރިހާ މުވައްޒަފުންނަށް މިކަން ހައްލުކޮށްދޭނަން،“ ރައީސް ވިދާޅުވިއެވެ.

ފްލެޓާއި ގޯތީގެ މައްސަލަ

މީގެ އިތުރުން، ފްލެޓާއި ގޯތީގެ މައްސަލައިގައި ޝަކުވާ ހުށަހެޅި ފަރާތެއްގެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، ބޭއިންސާފުން ގޮތެއް ހެދުމުގެ ފުރުސަތު މިފަހަރު ނުދެއްވާނެ ކަމަށެވެ.

މިހާރު ކުރިއަށްދަނީ އެޕްލައިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ޗެކް ކުރުމުގެ މަރުހަލާ ކަމަށާއި، އެއްވެސް ކަހަލަ މައްސަލައެއް އުޅޭނަމަ ރިޕޯޓް ކުރުމުގެ ފުރުސަތު މިފަހަރު ހުޅުވާލާފައި އޮންނާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted