ވަތަނީ ޚިދުމަތުގެ ތިން ވަނަ ބެޗު 84 ޒުވާނުންނާއެކު ފަށައިފި
Vathanee khidhumathuge thinavana batch 84 zuvaanunaaeku fashaifi

ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ ތިން ވަނަ ބެޗު 84 ދިވެހި ޒުވާނުންނާ އެކު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ގައުމަށް ބޭނުންތެރި މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ މުހިންމު ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ގައުމީ ހަރަކާތެކެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ބައިވެރިންނެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ސެޓްފިކެޓް ލެވެލް ތިނެއްގެ ފަންނީ ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މެރިން މެކޭނިކް
- ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން
- ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން
- އޮޓޯމޯބައިލް އިންޖިނިއަރިން
- އިލެކްޓްރީޝަން
- އޮފީސް މެނޭޖްމަންޓް
މި ކޯސްތަކުގެ މުގައްރަރުގައި ހިމެނޭ ބައިތަކުގެ އިތުރުން ފިޒިކަލް ފިޓްނަސް، ފެތުން، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި ލައިފް ސްކިލްސްގެ ތެރެއިން ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމް ބިލްޑިން ހަރަކާތްތަކާއި، ލީޑާޝިޕް އަދި އަދަބު އަޚްލާގު ވެސް ދަސްކޮށްދެވޭނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަށް އަހަރެއް ފުރުނުއިރު، ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ލަނޑުދަނޑިއަށްވުރެ އިތުރަށް ހާސިލްކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން އަހަރެއްގެ ތެރޭގައި 1,000 ދަރިވަރުން ތަމްރީނުކުރުމަށް އަމާޒު ހިފި ނަމަވެސް، އެ މުއްދަތުގައި 1,028 ކެޑޭޓުން ތަމްރީނުކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.




