ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކޮށްދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި
Waajib adhaakuranikoh niyaavaa fuluhunge aailaathakah beysfaruvaa kohdhey qavaaidhu islaahu kohffi

ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ވެސް ފުލުހުންގެ ޚިދުމަތުން ބޭސްފަރުވާ ކޮށްދޭން ޖެހޭ ގޮތަށް ފުލުހުންގެ ވަޒީފާގެ ގަވާއިދު އިސްލާހުކޮށް ރޭ ގެޒެޓުކޮށްފިއެވެ.
ފުލުހުންގެ ވަޒީފާގެ ގަވާއިދަށް މައިގަނޑު ތިން އިސްލާހެއް ވަނީ ގެނެސްފައެވެ. އެއީ އެ ގަވާއިދުގެ 86 ވަނަ މާއްދާގެ (ކ)ގެ ފަހަތަށް (އ) އިތުރުކުރުމާއި، 86 ވަނަ މާއްދާގެ ފަހަތަށް 86-1 އިތުރުކުރުމުގެ އިތުރުން 94 ވަނަ މާއްދާގެ ފަހަތަށް 94-1 އިތުރުކުރުމެވެ.
ގަވާއިދުގެ 86 ވަނަ މާއްދާގެ (ކ)ގެ ފަހަތަށް އިތުރުކުރި (އ) ގައި ބަޔާންކޮށްފައިވަނީ އިނާޔަތްތައް ދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން، އެ މާއްދާގެ (ށ) ގައި އިނާޔަތްތައް ދިނުމަށް ބަޔާންކޮށްފައިވީ ނަމަވެސް، އިނާޔަތް ހިސާބުކުރަންވާނީ ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވި ފުލުސް އޮފިސަރަށް ރޭންކުގެ ކުރިއެރުން ދިނުމުން، އެ ދެވުނު އައު ރޭންކުގެ މުސާރައަށް ބަލައިގެން ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ކޮށްދޭ އުސޫލުން، ވާޖިބު އަދާކުރަމުންދަނިކޮށް މަރުވާ ފުލުހުންގެ އާއިލާއަށް ވެސް ފުލުހުންގެ ޚިދުމަތުން ބޭސްފަރުވާ ކޮށްދޭންޖެހޭނެ ކަމަށް ވަނީ ހިމަނާފައެވެ.
އެ ގަވާއިދަށް ގެނައި އިސްލާހުގައި ވާގޮތުން، ވާޖިބު އަދާކުރަމުންދަނިކޮށް ނިޔާވާ ފުލުހުންގެ ޖަނާޒާ ވަކި ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމަށް ވެސް ނިންމިދާނެއެވެ. ނަމަވެސް އެގޮތަށް ނިންމަންވާނީ ފުލުސް އޮފިސަރު ނިޔާވި ހާލަތާއި، ދިމާވި ހާދިސާގައި ކަން ހިނގި ގޮތާއި، މުވައްޒަފު އަދާކުރި ދައުރަށް ބަލައި އެގްޒެކެޓިވް މެނޭޖްމަންޓު ބޯޑަށް ހުށަހަޅައި، އެ ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ.




