ބީއެމްއެލްއިން ޓެކް އިންޓާނުންނަށް ފުރުސަތު ހުޅުވާލައިފި
BMLin tech interunnah furusathu hulhuvaalaifi

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ޓެކްނޮލޮޖީގެ ދާއިރާއަށް ޚާއްޞަ 25 ފުރުޞަތަކަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.
މި އިންޓާންޝިޕްގެ ދަށުން ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވެ، ދާއިރާގެ ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މި ފުރުޞަތަށް ހޮވޭ ފަރާތްތަކަށް މަހަކު 11,000 ރުފިޔާގެ އެލަވަންސެއްގެ އިތުރުން ރޯދަ އިނާޔަތް ލިބޭނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ. އަދި އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަހުގެ ޗުއްޓީވެސް މި މުއްދަތުގައި ލިބިގެންދާނެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ފުރުޞަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކުރަމުންދާ ނުވަތަ ކިޔެވުން ފުރިހަމަކޮށްފައިވާ ދިވެހީންނަށެވެ. މީގެ އިތުރުން މި ދާއިރާއިން ފަންނީ ހުނަރު ލިބިފައިވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިންޓާންޝިޕް މުއްދަތުގައި ރަނގަޅު މަސައްކަތެއް ދައްކާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
ބީއެމްއެލްއިން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި އޭގެ ތެރެއިން %60 ބައިވެރިންނަށް އެ ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވާކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.




