ބިންތައް ނެގުމާ ދެކޮޅު ޕެޓިޝަން ޖަލްސާއަކަށް އެޖެންޑާ ކުރަނީ
Binthah negumaa dhekolhu petition jalsaa akah agendaa kuranee

ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި، ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނާ މެދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބަހެއް ހޯދުމަށާއި، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް މި ޕެޓިޝަން އެޖެންޑާކުރަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ދެ ހުށަހެޅުމެއް ފާސްކޮށްފައިވެއެވެ. އެއީ ޕެޓިޝަނާ މެދު އެލްޖީއޭއިން ދެކޭ ގޮތް ލިޔުމުން ހޯދުމަށް މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒު ހުށަހެޅުއްވި ހުށަހެޅުއްވުމާއި، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް ޕެޓިޝަން އެޖެންޑާކުރުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. މި ދެ ހުށަހެޅުން ވެސް ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު މި މަހުގެ އަށްވަނަ ދުވަހު ހުށަހެޅި މި ޕެޓިޝަނަށް ހަފުތާއެއް ތެރޭ 2،100 މީހުން ވަނީ ސޮއިކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވައިދު ބުނާގޮތުން، ޕެޓިޝަނަކަށް 2،100 ސޮއި ނުވަތަ ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ހަމަވުމުން ކަމާ ގުޅުންހުރި ކޮމިޓީއަށް އެ ޕެޓިޝަން ފޮނުވަން ޖެހެއެވެ. މި ޕެޓިޝަންގައި ބަޔާންކޮށްފައިވަނީ، މި ބިލުގެ ސަބަބުން އިންތިޚާބުކުރާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށާއި އާންމުންގެ ބަސް ބުނުމުގެ ހައްގު ވެސް ހަނިވެގެންދާނެ ކަމަށެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ވިދާޅުވެފައިވަނީ، ބިލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. ނަމަވެސް، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ބިން ވަކިކުރެވޭތީ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
ކައުންސިލުތަކުގެ ބިންތައް ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް މިއަދަށް ނިންމަން ކުރިން ތާވަލުކުރި ނަމަވެސް، އެ މަސައްކަތް މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަންމައިލައިފައެވެ.




