ވިއްސާރަ މޫސުމުގައި ޑެންގީއިން ދުރާލާ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
Vissaara moosumugai dengue in dhuraalaa rakkaatherivumah HPA in ilthimaas koffi

ވިއްސާރައިގެ ސަބަބުން ފެން ހަރުލާ ތަންތަނުގައި މަދިރި އާލާވާ މިންވަރު އިތުރުވާތީ، ޑެންގީ ހުމުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އާންމުންނަށް ގޮވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި، މަދިރި އެންމެ ގިނައިން އާލާވަމުން އަންނަނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާނގީތަކުގައެވެ. އޭގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ސާމާނު، ޓަޔަރު، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެއްޗަކީވެސް މަދިރި އާލާވާ ތަންތަނެވެ.
މި ހާލަތުގައި ގޭގެ ތެރެއާއި ގޯތިތެރެ އަދި ރަށުގެ އެކި ހިސާބުތަކުގައި ފެން ހަރުލާ ތަންތަން ނައްތާލުމަށް ރައްޔިތުންނާއި ރަށު ކައުންސިލުތަކުން ޚާއްޞަ ސަމާލުކަމެއް ދޭން އެ އެޖެންސީން އެދިފައިވެއެވެ.
މަދިރި ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދާއި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ޚާއްޞަ ހަރަކާތްތަކެއް ހިންގަމުން ގެންދެއެވެ. އެޗްޑީސީ، އެފްޑީސީ، ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން ކުނި ނަގައި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އިތުރުން ފޮގުކުރުމުގެ މަސައްކަތްވެސް ކުރަމުންދެއެވެ.
ބަލި ފެތުރުން މަދުކުރުމަށް އިދާރާތަކާއި ޖަމްޢިއްޔާތަކުން މަސައްކަތްކުރަމުންދާއިރު، ކޮންމެ ފަރުދަކުވެސް އަމިއްލަ ގޮތުން ފިޔަވަޅު އަޅަން ޖެހެއެވެ. ހަށިގަނޑު ރަނގަޅަށް ނިވާވާ ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުމަކީ އެކަމަށް އެޅިދާނެ ފިޔަވަޅުތަކެވެ. ޑެންގީ ޖައްސާ ”އީޑިސް“ މަދިރި އާންމުކޮށް ހަފަނީ ދުވާލު ކަމަށްވާތީ، ހެނދުނާއި ހަވީރު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ފެން ހަރުލާ ތަކެއްޗާއި ތަންތަން ޤަވާއިދުން ސާފުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖޫން މަހު 673 މީހަކު ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އެ މަހާ އަޅާބަލާއިރު، މިހާރު ބަލި ޖެހޭ މީހުންގެ ޢަދަދު ނިސްބަތުން މަދުވިނަމަވެސް، ބަލި ފެތުރުން ހުއްޓުވުމަށް އަދިވެސް އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ޑެންގީ ހުން ޖެހިއްޖެނަމަ ގޭގައި އަރާމުކޮށް ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ޞިއްޙީ މާހިރުން ލަފާދެއެވެ. ޑޮކްޓަރެއްގެ ލަފާއާ ނުލައި ޕެރެސެޓަމޯލް ފިޔަވައި ތަދުކަނޑުވާ އެހެން ބޭހެއް ބޭނުން ނުކުރުމާއި، ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތްތެރިއެއްގެ އެހީ ހޯދުމަށްވެސް އެ މާހިރުން އިރުޝާދު ދީފައިވެއެވެ.




