ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1200 އަށްވުރެ ގިނަ މަޝްރޫޢު ހިނގަމުންދޭ: މާލީ ވަޒީރު

Raajjeyge eki kankolhuthakugai 1200 ahvure gina mashroou hingamundhey: Maalee Vazeeru

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ވަގުތު 1200 އަށްވުރެ ގިނަ މަޝްރޫޢު އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދިޔަ ”އަހާ“ ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރަށް ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއް ހިމެނޭހެން މި ވަގުތު ގާތްގަނޑަކަށް 1273 ޕްރޮޖެކްޓެއްގައި ސޮއިކުރެވި، ޢަމަލީ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި އެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އިސްކަންދެވިފައިވާ ތަރުތީބުން ނިންމުމަށްޓަކައި ފައިސާ ހަމަޖައްސައިގެން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މަޝްރޫޢުތަކުގެ ދުވެއްޔަށް މަޑުޖެހުމެއް އައިސްފައިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މަސައްކަތްތަކަށް ބޭނުންވާ ސާމާނު ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެއްވެސް މަޝްރޫޢެއް ހުއްޓާނުލައްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ވީހާވެސް އަވަހަށް ރާއްޖެއަށް ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އެ ހުރިހާ މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ހޯދައި، ވީހާވެސް ހަލުވި ދުވެއްޔެއްގައި މަސައްކަތްތައް ނިންމުން ކަމަށް ވެސް ވަޒީރު ޒަރީރު ވިދާޅުވިއެވެ.

”އަހާ“ ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދީ، ދާއިރާތަކުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ސިލްސިލާ ފޯރަމެކެވެ.

މި ފޯރަމުގައި މާލީ ވަޒީރުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވެސް ވަނީ ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted