ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ފޮއެމަތި ބަލިކޮށް، އައުޓްރީފުން މުބާރާތް ކާމިޔާބުކޮށްފި

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗުގައި، ފޮއެމަތި ސްޕޯޓްސް ކްލަބް ބަލިކޮށް، އައުޓްރީފް ސްޕޯޓްސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން އައުޓްރީފް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި އައުޓްރީފްގެ އަލީ ޝިޔާހު (ޝިޔާ) ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައެވެ. ފޮއެމަތި ޓީމުން ގޯލެއް ޖަހައި، އެނބުރި މެޗަށް އައުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި އައުޓްރީފްގެ ކީޕަރު މުހައްމަދު ރަޝީދު (ޓޭޓު) ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، މެޗުގެ ހަމައެކަނި ގޯލު ޖެހި ޝިޔާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ އަލީ ޝާމިސް (ތޮއްޕެ) އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 15 ގޯލު ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ތޮއްޕެގެ އިތުރުން، އެ ޓީމުގެ އިސްމާއީލް ވަޖީހު (ވައްޖެ) އާއި ފޮއެމަތިގެ މުހައްމަދު ސާދު ނިޒާރު އާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ގެ އިތުރުން، ފޮއެމަތިގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީވެސް ޕަފް އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް، އައުޓްރީފްގެ އިބްރާހިމް ރަޝީދު (ފީގޯ) ހޮވިފައިވާއިރު، އެންމެ މޮޅު ޒުވާން ކުޅިންތެރިޔަކަށް ހޮވިފައިވަނީ ފޮއެމަތިގެ މުހައްމަދު ރަޒާން (ރާއްކޮ) އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީވެސް އައުޓްރީފް ސްޕޯޓްސް ކްލަބެވެ.

މިއަހަރުގެ މުބާރާތުގައި، ޗެމްޕިއަން ޓީމަށް ވަނީ 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މީގެއިތުރުން، ރަނަރަޕް ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments