ބީއެމްއެލް މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރު ބަލައިގަނެވޭނެ އިންތިޒާމު އަންނަ މަހު ހަމަޖެހެނީ
BML medhuverikoh kudhi viyafaarithakah dollar balaiganeyne inthizaam anna mahu hamajehenee

ބައިނަލްއަގްވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމާއި، ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު އަންނަ ނޮވެމްބަރު 1 އިން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފިއެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ދިވެހި ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އެ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ބަދަލާއެކު ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމުގައި ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ބައިނަލްއަގްވާމީ ބާޒާރުގަ މުދަލާ ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ޤައުމެއްގަ، ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭއިން މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް އެއް ނޮވެމްބަރުން ފެށިގެން އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ. އަދި ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާ ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާ ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ވިޔަފާރިތަކުން ބޭނުންކުރާ އެކިއެކި ޚިދުމަތްތަކަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައް ވެސް ދަތިކަމެއް ނެތި ދެއްކޭނެ މަގު ހަމަ އެ ތާރީޚުން ފެށިގެން ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ނެތިގޮސް، އެ ވިޔަފާރިތަކުގެ އާމްދަނީ އާއި ފައިދާ ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.



