އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސްކޮލަރޝިޕް މަޝްރޫޢުއަށް 152 މިލިއަން ޖަޕަނިސް ޔެންގެ ހިލޭ އެހީ ދީފި

Insaanee vaseelaithah tharahqeekurumuge schorlaship mashrooah 152 million japaense yen ge hiley ehee dheefi

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭ.ޑީ.އެސް) ގެ ދަށުން 2026 ވަނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކާ ގުޅޭ ”އެކްސްޗޭންޖް އޮފް ނޯޓްސް“ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް 152 މިލިއަން ޖަޕާނީސް ޔެން ނުވަތަ 1,020,134 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެހީގެ މައިގަނޑު މަޤްޞަދަކީ ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމެވެ. މީގެ އިތުރުން، މުސްތަޤްބަލުގައި ރާއްޖޭގެ އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު ޒުވާނުން ބިނާކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިއްމު އަމާޒެކެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 17 ދަރިވަރުން ތައުލީމު ހާސިލްކޮށް ދަސްވެނިވެފައިވާއިރު، މިހާރުވެސް 9 ދަރިވަރަކު ޖަޕާނުގައި މަތީ ތައުލީމު ހާސިލްކުރަމުންދާކަން ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ. މި އެހީއަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޖަޕާނުން ދެމުންދާ މުހިއްމު އެއްބާރުލުމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ފިނޭންސް، ސިވިލް ސަރވިސް ކޮމިޝަން އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments