ރަސްމާލެ މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި
Rasmale' mashroou ah fenna nufenna vote akah dhaan govaalan MDP gaumee majileehun faaskohfi

ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކުރީ އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ކުއްލި ޖަލްސާއަށް ހުށަހެޅި ޚާއްސަ ގަރާރަކުންނެވެ.
މި ގަރާރަކީ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރެއްވި ގަރާރެކެވެ. ގަރާރު ފާސްކުރުމަށް ވޯޓަށް އެހުމުން، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވައިފައެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު އެކަންޏެވެ. ރައީސް ނަޝީދު ވަނީ އެ ޖަލްސާގައި ވާހަކަދައްކަވަމުން ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.
ގަރާރުގައިވާ ގޮތުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް، އެއްވެސް އެކުއިސިޝަން ކޮސްޓަކާ އަދި ކުއްޔަކާ ނުލައި ދިނުމަށް ވެފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުން ވަގުތުން އާންމުކުރުމަށް ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގެއް އެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ގަރާރުގައި ވަނީ ޝަރުތުކޮށްފައެވެ.
ގަރާރުގެ ބަހުސްގައި ވާހަކަދެއްކެވި ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަނީ އީގަލް ހިލްސްއަށް ރަސްމާލޭން ބޮޑު ބިމެއް ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ސީދާ ދެކޮޅު ހައްދަވައި، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަންވާނީ މިކަމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފަހު ނޫނީ ނޫން ކަމަށް ވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މުއާމަލާތުގެ ނުރައްކާތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް އެމްޑީޕީ އިސްވެ ހިންގުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވެސް ގަރާރުގައި ވަނީ ހިމަނައިފައެވެ. އަދި މިކަންކަމަށް ސަރުކާރުން އިޖާބަ ނުދީފި ނަމަ އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ ބާރުއަޅައިފައެވެ.




