އެމްއައިބީއިންވެސް ރުފިޔާ އެކައުންޓުން ޑޮލަރުގެ ބޭނުންކުރެވޭވަރު ލިމިޓްކޮށްފި

MIB inves rufiyaa account in dollar beynunkureveyvaru limit koffi

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ބޭޭނުންކުރެވޭ ޑޮލަރުގެ ލިމިޓަށް އެ ބޭންކުން ބަދަލުތަކެއް ގެނެސް، ބައެއް ވިޔަފާރިތަކަށް ލިމިޓް ކޮށްފިއެވެ.

އެމްއައިބީ އިން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ، އެ ބޭންކުގެ ރުފިޔާ ކާޑުތަކަށް މިހާރު ލިބެމުންދާ 250 ޑޮލަރަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެމުންދާ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަސްތަކުގައި ކަސްޓަމަރުން މި ލިމިޓް އެހެން ބޭނުންތަކަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުން، ބައެއް ކަހަލަ ވިޔަފާރި ސައިޓްތަކަށް މި ލިމިޓް ބޭނުން ނުކުރެވޭގޮތަށް ހެދުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާއެކު އޮންލައިން އީކޮމާސް ސައިޓްތަކުން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް އެ ބޭންކުން ބުނެއެވެ. ނަމަވެސް މި 10 ޓްރާންސެކްޝަން އަކީ ހުރިހާ ކަސްޓަމަރުންގެ މެދުގައި ބަހާލެވިގެންވާ އަދަދެއް ކަމެއް ނުވަތަ ކޮންމެ ކަސްޓަމަރަކަށް ވަކިން ލިބޭ ފުރުސަތެއް ކަމެއް ބޭންކުގެ ނޯޓިސްގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މި ބަދަލު ގެނައި ނަމަވެސް، އާންމުކޮށް ކަސްޓަމަރުން ބޭނުންކުރާ އެކި ސަބްސްކްރިޕްޝަންތަކާއި، ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް (POS) މެޝިންތަކުން ކުރާ ވިޔަފާރިތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ. އަދި ސިއްހީ ހިދުމަތްތަކަށް ހޯދާ ވިޔަފާރިތަކާއި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކި ހަރަދުތަކަށް މިހާރުވެސް އޮތް 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށް އެމްއައިބީ އިން ބުނެފައިވެއެވެ.

ބޭންކުން ހާމަކުރި ގޮތުގައި މި ނިންމުން ނިންމީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލުމުގެ މަގްސަދުގައެވެ.

އެމްއައިބީ އިން މި ފިޔަވަޅު އަޅާފައި މިވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ އެކައުންޓްތަކަށް ދީފައިވާ ޑޮލަރު ލިމިޓަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު އެމީހުންގެ މުސާރަ ޖަމާކުރާ އެކައުންޓް އެމްއައިބީއަށް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments