މަސްވެރިންގެ ދުވަހުގެ ޚާއްޞަ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
Masveringe dhuvahuge khaassa award ah nan hushahelhumuge muhdhathu ithurukohfi
މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ 7 ނޮވެމްބަރު ވާ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.
އެވޯޑުތަކަށް އެދި ހުށަހަޅާ ފޯމު އެ ވުޒާރާގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށާއި، ފުރިހަމަކޮށްފައިވާ ފޯމުތައް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މި ޖަލްސާގައި ޖުމްލަ 4 ދާއިރާއަކުން ޚާއްޞަ އެވޯޑު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ:
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް).
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި).
- އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރު މަސްވެރިޔާގެ އެވޯޑު.
- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު.
ރާއްޖޭގައި މަސްވެރިންގެ އެވޯޑަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސްވެރިންނާއި، މި ދާއިރާގައި ހަރަކާތްތެރիވާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް (ޑިސެމްބަރު 10) ފާހަގަކުރުމުގެ ގޮތުން ދެވޭ އެންމެ ޝަރަފުވެރި އެވޯޑެކެވެ.




