އެފްވައިއެފްސީ 2026: ރޭ ކުޅުނު މެޗުތަކުން ބެސްޓު، ކަންމަތި، ސީއޭސީ އަދި ފޮއެމަތި މޮޅުވެއްޖެ

FYFC 2026: Rey kulhunu match thakun Best, kanmathi, CAC, adhi Foemathi molhuvejje

ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ ”ފޮނަދޫ ޔޫތް ފުޓުސަލް ޗެލެންޖް 2026“ (އެފްވައިއެފްސީ 2026) ގެ ގްރޫޕް މަރުހަލާގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުން ބެސްޓް ޖޭއާރް، ކަންމަތި ސްޕޯޓްސް ކްލަބް، ސީއޭސީ ފުޓްސަލް ޓީމު އަދި ފޮއެމަތި މޮޅުވެއްޖެއެވެ.

ޖުމްލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.

ރޭ ވެސް މުބާރާތުގެ ގުރޫޕް މަރުހަލާގައި ހަތަރު މެޗެއް ވަނީ ކުޅެފައެވެ.

ކަންމަތި އަދި ކުލަމަޖާ ބައްދަލުކުރި މެޗުގެ ތެރެއިން

އެގޮތުން ގްރޫޕް ބީ ގައި ހިމެނޭ ބެސްޓް ޖޭއާރް އަދި ކިއުއެމް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 1-5 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ބެސްޓް ޖޭއާރް އެވެ. މި މެޗުގައި ބެސްޓް ޖޭއާރްގެ އަޙްމަދު ސައިން ޞިއްދީޤު ދެ ލަނޑު ޖެހިއިރު، ޢަލީ އަޝަމް، ޙަސަން ފައިޒާން ފާރޫޤް އަދި މާއިލް އަޙްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ކިއުއެމް ސްޕޯޓްސް ކްލަބުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ މުޙައްމަދު ނާހިލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މޮޅު ކުޅުމެއް ދެއްކި ބެސްޓް ޖޭއާރްގެ އަޙްމަދު ސައިން ޞިއްދީޤެވެ. މިއީ މުބާރާތުގައި ބެސްޓް ޖޭއާރް ކުޅުނު ދެވަނަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ފޮއެމަތި އަތުން ވަނީ 0-5 އިން ބަލިވެފައެވެ.

ގްރޫޕް އޭ ގެ ކުލަމަޖާ އެސްސީ އާއި ކަންމަތި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 2-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފަހަތުން އަރައި މޮޅު ކުޅުމެއް ދެއްކި ކަންމަތި ސްޕޯޓްސް ކްލަބެވެ.

މި މެޗު ފަށައިގެން ކުލަމަޖާ އެސްސީގެ އަޙްމަދު އަޒީމް އަދި އިބްރާހީމް ހާއިސް ޙުސައިންގެ ލަނޑުތަކުން އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ކަންމަތި ސްޕޯޓްސް ކްލަބުން ވަނީ ހަތަރު ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

ކަންމަތި ޓީމަށް އަޙްމަދު އަފްސަމް ދެ ލަނޑު ޖަހައިދިންއިރު، އަނެއް ދެ ލަނޑު ކާމިޔާބުކުރީ ޒައިދާން ޢަބްދުﷲ އާއި ޙުސައިން ނިމާސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަންމަތީގެ ޒައިދާން ޢަބްދުﷲ އެވެ. މިއީ މުބާރާތުގައި ކުލަމަޖާ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ވެސް އެ ޓީމު ވަނީ ސީއޭސީ އަތުން 1-5 އިން ބަލިވެފައެވެ.

މުބާރާތުގެ ހަތްވަނަ މެޗުގައި ރޭ ގްރޫޕް އޭ ގެ ސީއޭސީ ފުޓްސަލް ޓީމު ވަނީ މާހިންނެ ޔުނައިޓެޑާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ސީއޭސީއަށް ދެ ލަނޑުވެސް ކާމިޔާބުކޮށްދީ، މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އެ ޓީމުގެ މުޙައްމަދު މުއާދެވެ. މިއީ ސީއޭސީން މި މުބާރާތުގައި ކުޅުނު ދެވަނަ މެޗަށްވާއިރު، ފުރަތަމަ މެޗުގައި ކުލަމަޖާ އަތުން އެ ޓީމު ވަނީ 1-5 އިން މޮޅުވެފައެވެ.

ރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ބީ ގެ ފޮއެމަތި ޓީމުން ވަނީ 1-2 ގެ ނަތީޖާއަކުން އަލު ބައްތި އެސްސީ ބަލިކޮށްފައެވެ. މި މެޗުގެ ކުރީކޮޅު އަލު ބައްތީގެ ވިޝާހު ޢަބްދުލް މަޖީދު ލަނޑެއް ޖަހައި ކުރިހޯދާފައި ވަނިކޮށް، ފޮއެމަތި މޮޅުކޮށްދިނީ ދެ ލަނޑު ކާމިޔާބުކުރި ޙާޒިމް ފައުޒީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ ޙާޒިމް ފައުޒީއެވެ. މި ނަތީޖާއާއެކު ފޮއެމަތި ޓީމުން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އަލު ބައްތި ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ރޭ ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ސީއޭސީން ވަނީ ކުލަމަޖާގެ މައްޗަށް 1-5 އިން ކުރިހޯދާފައެވެ. ދެވަނަ މެޗުގައި ފޮއެމަތިން ބެސްޓް އަތުން 0-5 އިން މޮޅުވިއިރު، ތިންވަނަ މެޗުގައި ގޯޅިއަންސް ވަނީ މާހިންނެ އަތުން 0-4 އިން މޮޅުވެފައެވެ. އަދި ހަތަރުވަނަ މެޗުގައި ކިންގް އެސްސީން ވަނީ އަލު ބައްތި 3-6 އިން ބަލިކޮށްފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ގްރޫޕް ސްޓޭޖަށްފަހު، ކުއާޓާ ފައިނަލްގެ ބުރެއް ނޯންނާނެ ކަމަށާއި، ދެން ސީދާ އޮންނާނީ ސެމީ ފައިނަލް މެޗުތައް ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. ސެމީ ފައިނަލްގެ މެޗުތައް މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގައެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. އަދި މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ”ލާމު އެމްވީ“ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted