ޓުއަ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނެގުމުގެ އުސޫލަށް 2 ހަފުތާތެރޭގައި ބަދަލު ގެންނަނީ
Tour operatorunge athun GST negumuge usoolah 2 hafthaa therey badhalu gennanee

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި ބަދަލު އުނިކުރުމުގެ މަސައްކަތް، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ނިންމާނެކަމަށް ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ބަދަލު ގެނައުމަށްޓަކައި މިހާރު މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި އެ ބިލު ފާސްކޮށް މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން 17 އިންސައްތައިގެ ޓީޖީއެސްޓީއެއް ނަގަން ނިންމީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފާގެ މަތިންނެވެ. ޤާނޫނަށް ގެނައި ބަދަލާއެކު އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު، 100 އަށްވުރެ ގިނަ ބޮޑެތި ޓުއަރ އޮޕަރޭޓަރުން ވަނީ މީރާގައި ރަޖިސްޓްރީވެސް ކޮށްފައެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ މި ނިންމުން އަނބުރާ ގެންގޮސް، ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް ނިންމާފައެވެ.
ވަޒީރު އަމީން ވިދާޅުވީ ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް އުނިކުރަން ނިންމީ، ފަތުރުވެރިކަމުގެ ސިނާއަތުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، މާލީ ވުޒާރާ، އެޓަރނީ ޖެނެރަލް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ސިނާއަތުގެ އިސް ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ.
ރާއްޖޭގައި ޚިދުމަތްދޭ ރިސޯޓުތަކާއި ހޮޓާތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބައެއް ފަރާތްތަކުން މާކެޓުގެ ހަމައަގުގައި ޚިދުމަތް ނުދޭކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މި ޤާނޫނަށް ގެންނަ އިސްލާހާއެކުވެސް މާކެޓުގެ ހަމައަގު ކަނޑައެޅުމުގެ ބާރު މީރާއަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
”މީރާއަށް ޖާގަ ލިބޭނެ ފެއަރ ޕްރައިސްއެއް ކަނޑައެޅުމުގައި. މާކެޓުގައި ހަގީގަތުގައި ވިއްކާ އަގަށްވުރެ ދަށް އަގެއް ރިސޯޓު އޮޕަރޭޓަރުން ޓީޖީއެސްޓީއަށް ހުށައަޅައިފިއްޔާ، އެކަމެއް ބަލާ، ފެއަރ ޕްރައިސް ހޯދުމުގެ ޖާގަ މީރާއަށް ލިބޭނެ،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަބަދުވެސް އަމާޒަކީ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިންވެސްޓަރުން އަދި ޑިވެލޮޕްމަންޓް ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އަދި މި ސިނާއަތުގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.




