ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް ލިބުނު 48 ބިމެއް ވިއްކާލަނީ

Veshivahi Male' program ge dhashun dhaulathah libunu 48 bimeh vikkaalanee

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން 48 ބިމެއް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މި ބިންތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް އެކަންޏެވެ.

ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 2،000 ރުފިޔާގެ މަގުންނެވެ. ވިއްކުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ މާފަންނުން 21 ބިމަކާއި، މައްޗަންގޮޅިން 10 ބިމަކާއި، ހެންވޭރުން ނުވަ ބިމެއްގެ އިތުރުން ގަލޮޅުން ހަތް ބިމަކާއި ވިލިމާލެއިން ބިމެކެވެ.

މި އުސޫލުގެ ދަށުން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ އެވެ. ބިން ގަންނަން އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ފޯމާއި ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ޑިސެމްބަރު 8 ވާ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ ”ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު“ އާ އެއްގޮތަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި ދިރިއުޅުމަށް ދަތިވާ ވަރަށް ކުދިކޮށް ހުރި ގޯތިތަކުގެ ވެރިންނަށް އެހެން ސަރަހައްދުތަކުން ބިން ނުވަތަ ފްލެޓް ދޫކޮށް، އެ މީހުންގެ މިލްކިއްޔާތުގައި ހުރި ކުދި ބިންތައް ދައުލަތަށް ނެގުމަށް 2011 ވަނަ އަހަރު ހިންގި މަޝްރޫއެކެވެ. މިހާރު ވިއްކަން އިއުލާނުކޮށްފައިވަނީ އެ މަޝްރޫއުގެ ދަށުން ބަދަލު ދިނުމަށްފަހު ދައުލަތަށް ދޫކޮށްލާފައިވާ ބިންތަކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted