އެފްވައިއެފްސީ 2026: ގުރޫޕް ސްޓޭޖު ނިމުނުއިރު ލަނޑު ލިސްޓުގެ އެންމެ ކުރީގައި ކިންގުގެ މޫސާ ހާނިމް
FYFC 2026: Group stage nimunu iru landu list ge emme kureegai King ge Moosa Hanim

ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ ”ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2026“ ގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ރޭ ނިމުނުއިރު، އެންމެ ގިނަ ލަނޑު ޖަހައިގެން ލަނޑު ލިސްޓުގެ އެއްވަނަ ކިންގް ސްޕޯޓްސް ކުލަބުގެ މޫސާ ހާނިމް ހޯދައިފިއެވެ.
ހާނިމް ލަނޑު ލިސްޓުގެ ކުރި ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު 4 މެޗުން ޖުމުލަ 6 ލަނޑު ކާމިޔާބުކޮށްގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަމުންދަނީ 4 ލަނޑު ޖަހައިގެން ލިސްޓުގެ ދެވަނައިގައި ހިމެނޭ ތިން ކުޅުންތެރިންނެވެ. އެއީ ކިންގް ސްޕޯޓްސް ކުލަބުގެ ހުސައިން ސުހާދު (ސުހާން)، ގޯޅިއަންސްގެ ހުސައިން ނާޝިދު އަދި ކަންމަތީ ސްޕޯޓްސް ކުލަބުގެ އަޙްމަދު އަފްސަމް އެވެ. މީގެ އިތުރުން 3 ލަނޑު ޖަހައިގެން ލިސްޓުގެ ތިންވަނައިގައި ފޮއެމަތީގެ އަޙްމަދު ރުއާއު ހިމެނޭއިރު، އިތުރު 8 ކުޅުންތެރިއަކު ވަނީ 3 ލަނޑު ހަމަކޮށްފައެވެ.
މުބާރާތުގެ ސެމީ ފައިނަލުން ކަންމަތި ކަޓާފައިވާތީ އަފްސަމްއަށް ލަނޑު އިތުރުކުރުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފައެވެ. ނަމަވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމި، މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ. ސެމީގެ ފުރަތަމަ މެޗުގައި މާދަމާރޭ 20:15 ގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ހޯދި ގޯޅިއަންސް އަދި ގުރޫޕް ބީގެ ދެވަނަ ހޯދި ކިންގް ސްޕޯޓްސް ކުލަބެވެ. ދެވަނަ ސެމީގައި 21:15 ގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އެއްވަނަ ހޯދި ފޮއެމައްޗާއި ގުރޫޕް އޭގެ ދެވަނަ ހޯދި ސީއޭސީ ފުޓްސަލް ޓީމެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 10 ވާ އަންގާރަ ދުވަހުގެ ރޭގައެވެ.
މެދުއަވަށު ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ލ. އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި ފަހަރުވެސް މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ.
ރާއްޖޭގެ ފުންނާބުއުސް މަޝްހޫރު ފުޓްސަލް ތަރިން ފެނިގެންދާ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ މިއީ ހަވަނަ މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއަލް މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ”ލާމު އެމްވީ“ އެވެ.




