ޣައްޒާގައި އެއްފަހަރާ 500 ޒުވާނުން ކައިވެނިކޮށްފި
Gaza gai ehfahara 500 zuvaanun kaivenikohfi

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ކުރިމަތިވެފައިވާ ބޮޑެތި ހަލާކުތަކާއި އިންސާނީ ދަތި ހާލަތުގެ ތެރޭގައިވެސް، ފަލަސްތީނުގެ 250 ޒުވާނުން، (ޖުމްލަ 500 މީހުން) އެކުގައި ކައިވެނިކުރުމުގެ ބޮޑު ރަސްމިއްޔާތެއް ބާއްވައިފިއެވެ.
”ޘައުބު އަލްފަރަޙް 3“ (އުފާވެރިކަމުގެ ފޭރާން 3) ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޖަމާއީ ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ މިމަހުގެ ހަވަނަ ދުވަހުގައެވެ.
ޣައްޒާ ސިޓީގެ އަތިރިމަތީ ސަރަހައްދުގައި އިންތިޒާމުކުރި މި ރަސްމިއްޔާތުގައި ކައިވެނިކުރި މީހުންގެ އާއިލާތަކާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެ، ދަތި އުނދަގޫ ހާލަތުގައިވެސް އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކޮށްފައެވެ.
މި ހަރަކާތަކީ ޣައްޒާގައި ދިރިއުޅޭ ޒުވާނުންނަށް ކައިވެނީގެ ޚަރަދުތައް ހަމަޖެއްސުމުގައި އެހީތެރިވުމުގެ މަގުސަދުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރިއަށްގެންދާ ”އޮޕަރޭޝަން އަލްފާރިސް އަލްޝަހްމު 3“ ގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޔޫއޭއީގެ ޞަޤްރު ބިން މުޙައްމަދު އަލްޤާސިމީ ޗެރިޓަބަލް ފައުންޑޭޝަނުންނެވެ.
މި ޖަމާއީ ކައިވެނީގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ހާމަވެގެންދިޔައިރު، ހަނގުރާމައިގެ ދަތި ހާލަތުގައި ތިބި އާންމުންނަށް މިއީ އުންމީދާއި އުފާވެރިކަން ގެނެސްދިން މުހިންމު ހަރަކާތަކަށް ވެގެންދިޔައެވެ.




