މުކުރިމަގު ބަލިކޮށް، ދަނބިދުއަށް އުއްމީދީ ފެށުމެއް

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، މުކުރިމަގު ބަލިކޮށް، ދަނބިދޫ ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓުން ފެށުން ރަނގަޅުކޮށްފި އެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މި މެޗުން ދަނބިދޫ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން 12 މިނެޓު ތެރޭގައި ދަނބިދޫ ޓީމުގެ މުހައްމަދު މައުސޫމް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން، މޫސާ ހާނިމް ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ.
މުކުރިމަގު ޓީމުން ކުޅުނީ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި، ފަރަގު ކުޑަކުރުމަށެވެ. ނަމަވެސް، ހާފުގެ ފަހު މިނެޓުގައި ހާނިމް ވަނީ އިތުރު ލަނޑެއް ޖަހައި، ތަފާތު ބޮޑުކޮށްފަ އެވެ. މިއާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން، މުކުރިމަގު ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، ހާފު ފެށިގެން ހަ މިނެޓު ތެރޭގައި އިބްރާހިމް ވަހީދު (އިއްބެ) ވަނީ ލަނޑެއް ޖަހާފަ އެވެ.
މުކުރިމަގުން ލަނޑު ޖެހިތާ މިނެޓެއް ތެރޭގައި ދަނބިދޫން ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. ދަނބިދޫ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ، އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ، އަހުމަދު ރުވާއު އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހާނިމް ވަނީ އިތުރު ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
ހަތަރު ލަނޑުގެ ފަރަގަކުން ބަލިކޮށް އޮތް މުކުރިމަގުން ވަނީ ފަހުވަގުތާ ހަމަޔަށް ހިތްވަރުކޮށްފަ އެވެ. އެގޮތުން، އިއްބެ ވަނީ އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަނބިދޫ ޓީމަށް ތިން ލަނޑު ޖަހައިދިން ހާނިމް އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ނުވަ ޓީމު ވަނީ ބައިވެރިވެފަ އެވެ. މިއީ ލ.އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ.