މާމެންދުއާއި ދަނބިދޫ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، މާމެންދުއާއި ދަނބިދޫ ބައްދަލުކުރި މެޗު އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
ދަނބިދޫން ވަނީ މުބާރާތުގެ ފުރަތަމަ މެޗުން މުކުރިމަގު ބަލިކޮށް، ފެށުން ރަނގަޅުކޮށްފަ އެވެ. ދަނބިދުއާ ދެކޮޅަށް ކުޅުނު މެޗަކީ މާމެންދޫ ޓީމުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
ރޭ ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، މެޗުގެ 34 ވަނަ މިނެޓުގައި މާމެންދޫ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. ޔާނު އަކީ ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އަށް ކުޅޭ ކުޅުންތެރިއެކެވެ.
ދެވަނަ ހާފު ފެށިގެން، ދަނބިދޫން ކުޅުނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރުމަށެވެ. އެގޮތުން، ހާފު ފެށިގެން ނުވަ ވަނަ މިނެޓުގައި އަހުމަދު ހާފިޒް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ނަތީޖާ އެއްވަރު ވުމުން، ދެ ޓީމުންވެސް ވަނީ އިތުރު ލަނޑެއް ޖަހައި ކުރިހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް، އެއްވެސް ޓީމަކަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަނބިދޫ ޓީމުގެ ކީޕަރު، މުހައްމަދު ޔާމީން އެވެ. އޭނާ ވަނީ މާމެންދޫ ޓީމުގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.
މި ނަތީޖާ އާއެކު ދަނބިދުއަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓު ލިބިފަ އެވެ. އަދި މާމެންދުއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ތުނޑި އާއި ފޮނަދޫގެ އިތުރުން މުކުރިމަގެވެ.