މަތިމަރަދޫ ބަލިކޮށް، އިސްދުއަށް ގުރޫޕުގެ އެއްވަނަ

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި މަތިމަރަދޫ ބަލިކޮށް، އިސްދޫން ގުރޫޕު ”ބީ“ ގެ އެއްވަނަ ހޯދައިފި އެވެ.
ގުރޫޕު ސްޓޭޖުގެ ފަހު މެޗަށް ނިކުތްއިރު މި ދެ ޓީމަށްވެސް ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ. ދެ ޓީމުންވެސް ވަނީ ހަ ޕޮއިންޓު ހޯދާފަ އެވެ. އެހެންކަމުން، ގުރޫޕުގެ އެއްވަނަ ކަނޑައެޅިފައިވަނީ މި މެޗުންނެވެ.
ބުރާސްފަތި ދުވަހުގެރޭ ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުން އިސްދޫ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ހުކުރު ދުވަހު ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވުމާއެކު ދެ ޓީމުންވެސް މެޗަށް ނިކުތީ ގިނަ ބަދަލުތަކަކާއެކު އެވެ. އެގޮތުން، އިސްދޫން ވަނީ ނާއިމް އާއި ވިޖުދާން ފަދަ ގިނަ ކުޅުންތެރިންތަކަކަށް ރެސްޓް ދީފަ އެވެ. އަދި މަތިމަރަދޫން ވަނީ ފުރަތަމަ 11 ގައި މީގެކުރިން ކުޅުނު ހުރިހައި ކުޅުންތެރިންނަށް ރެސްޓް ދީފައެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، މެޗުގެ 19 ވަނަ މިނެޓުގައި އިސްދުއަށް ލިބުނު ކޯނަރަކުން، އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ، ހޫދު އަހުމަދު ފަތުހީ ވަނީ ލަނޑެއް ޖަހައި ކުރިހޯދަދީފަ އެވެ.
ހޫދު ލަނޑު ޖެހިތާ ދެ މިނެޓު ފަހުން، އެ ޓީމުގެ މުހައްމަދު ހަލީމް ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. އޭރިއާ ބޭރުން ހަލީމް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ މަތިމަރަދޫ ޓީމުގެ ކީޕަރު، މައުރޫފް ސުލެއިމާން (މާއްޓެ) ގެ އަތްދަށުންނެވެ. އިސްދޫ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަނީ ކުޅުން ރަނގަޅުކުރުމަށް، ޓީމުގެ މުހިންމު ކުޅުންތެރިން ކުޅެން ނެރެފަ އެވެ. ދެ ޓީމުންވެސް ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިސްދޫ ޓީމުގެ އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
މި ނަތީޖާއާއެކު، ސެމީ ފައިނަލުގައި އިސްދޫ ކުޅެން ޖެހޭނީ މުކުރިމަގާ ދެކޮޅަ ށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ގައެވެ. އަދި ހުކުރު ދުވަހު ހަވީރު މަތިމަރަދޫ ނިކުންނާނީ ތުނޑިއާ ދެކޮޅަ ށެވެ.