ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަނީ

Nukulhedhuntherikan hunna meehunge haqquthakuge qaanoonah bodethi islaahuthakeh gennanee

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު މުރާޖާކޮށް، ޒަމާނާ އެއްގޮތަށް ގިނަ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ސިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

2010 ވަނަ އަހަރު މި ޤާނޫނު ވުޖޫދުވި ފަހުން މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވީ، މިހާރު ކުރިއަށްދަނީ މުޅިން އައު ޤާނޫނެއްގެ ސިފައިގައި މުހިންމު ބަދަލުތަކަކާއެކު ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ދާއިރާގެ ފަންނީ ބޭފުޅުން އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަޝްވަރާއާއެކުގައެވެ.

ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި 2008 އަދި 2009 ވަނަ އަހަރު މި ޤާނޫނުގެ މަސައްކަތް ކުރި ދުވަސްވަރާ އަޅާބަލާއިރު، މިހާރު ރާއްޖޭގެ ޙާލަތާއި ހޭލުންތެރިކަން ހުރި މިންވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ޚާއްޞަކޮށް ޚިދުމަތްތައް ލިބިގަތުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

“ތަޢުލީމީ، ސިއްޙީ ޙައްޤުތައް ފަދަ ކަންކަން ލިޔެފައިހުރީ ވަރަށް ތިލަކޮށް. އަލަށް އެކުލަވާލާ ޤާނޫނުގައި ވަކިވަކި ދާއިރާތަކާއި އިދާރާތަކުގެ ޒިންމާތައް ވަރަށް ސާފުކޮށް ލިޔެވޭނެ. އެފަދަ މީހުން ބާރުވެރިކުރުމުގައި ގެންގުޅޭނެ މޮޑެލްތަކަކީ ކޮބައިތޯއާއި، ވަޒީފާ ނުވަތަ މާލީ ފުދުންތެރިކަން އިތުރުކުރުމާ ގުޅޭ ކަންކަން ކަނޑައެޅޭނެ،” އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން، ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށް މި އިސްލާހުތަކުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދެވޭނެއެވެ. މިއީ ކުރީގެ ޤާނޫނުގައި އެދެވޭ ގޮތެއްގައި ހިމެނިފައި ނުވާ ކަމެއް ނަމަވެސް، މީގެ ސަބަބުން ދުރާލާ ޚިދުމަތްތައް ބައްޓަންކޮށް، ދިމާވެދާނެ ހިރާސްތައް ކުޑަކުރުމަށް މަގުފަހިވާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަކީ، އެފަދަ ފަރާތްތަކަށް އެހެން މީހުންނާ ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އޮތް އެންމެ މުހިންމު ޤާނޫނީ އޮނިގަނޑެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments