ރާއްޖެއިން ހިމަބިހީގެ 7 ކޭސް ފެނިއްޖެ!
Raajje in hima bihee ge 7 case fenijje!

ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހި (މީސަލްސް) އަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެ، މިއަހަރު ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 7 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ވަނީ ހުން އައުމާއެކު ގައިގައި ރަތް ބިހި ނަގާނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ. އަދި ހޮސްޕިޓަލްއަށް ޒިޔާރާތްކުރާއިރު މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ހިމަބިހީގެ ކޭސްތަކާ ގުޅިގެން ބަލި ފެތުރުނު ގޮތް ބެލުމުގެ ތަހުގީގު ހިންގުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ އިތުރުން ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ ކުއްލި މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ތަނެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައެޅި ޤައުމެކެވެ. ނަމަވެސް، ވައިގެ ތެރެއިން ފަސޭހައިން ފެތުރޭ މި ބަލީގެ ކޭސްތައް ބޭރުން އެތެރެވުމުގެ ސަބަބުން އަދިވެސް ފެންނަމުންދާތީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ޑޮކްޓަރުން އިރުޝާދުދެއެވެ.
ހިމަބިހި އަކީ’މީސަލްސް ވައިރަސް’ ގެ ސަބަބުން ޖެހޭ، ވަރަށް ހަލުވިކަމާއެކު ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ.މިއީ ވެކްސިން ޖަހައިގެން ސައްތައިން ސައްތަ ރައްކާތެރިވެވޭ ބައްޔެކެވެ.




