ވައްޓަފާޅި ބަލިކޮށް، ގޯޅިއަންސް އިން ފެށުން ރަނގަޅުކޮށްފި

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގައި ރޭ ވައްޓަފާޅި ސްޕޯޓްސް ކްލަބް ބަލިކޮށް، ގޯޅިއަންސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ކުޅެވުނު ފުރަތަމަ މެޗެވެ. ފިރިގެން ޑިވިޝަނުގައި ހިމެނެނީ ވައްޓަފާޅި އާއި ގޯޅިއަންސްގެ އިތުރުން ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އާއި ކައްދޫ އެއަރޕޯޓެވެ.

ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗުން ގޯޅިއަންސް މޮޅުވީ 24-15 ގެ ނަތީޖާއަކުންނެވެ. މެޗު ފެށުނީއްސުރެ، ލީޑާއެކު ކުޅެފައިވަނީ ގޯޅިއަންސް އިންނެވެ. ވައްޓަފާޅިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، ގޯޅިއަންސް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފު ނިމުނުއިރު، ގޯޅިއަންސް އިން ކުރިހޯދާފައިވަނީ 10-7 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ފެށިގެން، ގޯޅިއަންސް އިން ވަނީ ގާތްގާތުގައި ލަނޑު ޖަހައި، ލީޑު ފުޅާކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ގޯޅިއަންސްގެ ރާއިދު ރަޝީދު ވަނީ 10 ލަނޑު ޖަހާފައެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން، އަހުމަދު ހަލީމް (އައްމަޑޭ) ފަސް ލަނޑު ޖަހާފައިވާއިރު، އަލީ އަޖުމަލް (އަޖޭ) ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމުގެ މައުމޫން އަބްދުއް ސައްތާރު (މާނު) ދެ ލަނޑު ޖަހާފައިވާއިރު، ޝިޔާން ޝާފިއު (އެޓޫ) އާއި އަހުމަދު އަތީފް އަދި މުހައްމަދު އިނާޝް (ކޮލީނާ) ވަނީ ލަނޑު ޖަހާފައެވެ.

ވައްޓަފާޅިން ޖެހި 15 ލަނޑުގެ ތެރެއިން ހަ ލަނޑު ޖަހާފައިވަނީ ފިރުޝާން މުހައްމަދެވެ. އަދި އިސްމާއީލް ފާރިޝް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މީގެއިތުރުން، އަލީ އީމާން ހަމީދު ދެ ލަނޑު ޖަހާފައިވާއިރު، އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ މޫސާ ހައިޝަމް އާއި އަބްދުﷲ ހައިކަލް އަދި މުހައްމަދު މުއާޒެވެ.

މި މޮޅާއެކު ގޯޅިއަންސް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ފިރިހެން ޑިވިޝަނުގެ ކައްދޫ އެއަރޕޯޓާއި ޖީއާރުއެޗް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments