ބޭސް ލިބޭނެ ފާމަސީތައް ފޯނުން ބެލޭނެ ގޮތް ހަދަނީ
Beys libeyne pharmacythah phonun beleyne goiy hadhanee

ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް ފަސޭހަކަމާއެކު ބަލާލެވޭނެ ޚާއްސަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހު އިފްތިތާޙު ކުރުމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ނިންމައިފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި އެ ބޭހުގެ އަގުތައް ރައްޔިތުންނަށް އޮޅުންފިލާނެއެވެ.
ސްޓޭޓްފާމާއިން ވިދާޅުވީ، ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށާއި، އައު ޕޯޓަލްއަކީ އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ބޭހުގެ ސްޓޮކް ބެލެހެއްޓުމަށް އައު ސިސްޓަމެއް
ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ލިބުމުގައި ހުރި ދަތިތަކަށް ޖުމްލަ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ އެނގިގެން ކަމަށެވެ. އެގޮތުން، އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
“މި ސިސްޓަމާއެކު ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ. އަދި ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް، ކޮލެޓީ ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރެވޭނެ،” ޑރ. ޝާހު ވިދާޅުވިއެވެ. މީގެ ސަބަބުން ކޮންމެ ރައްޔިތަކަށްވެސް ބޭސް ހުސްނުވެ ލިބޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އައު ނިޒާމުގެ ސަބަބުން ދިގުމުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް، ރަށްރަށުގައި ބޭސް ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސްޓޭޓްފާމާއިން ދެކެއެވެ.




