ކޭއޭސީއެލްގެ އިސްނެގުމާއެކު، ފޮނަދޫ ކޯޒްވޭ މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ކޭއޭސީއެލް)ގެ އިސްނެގުމާއެކު، ހައްދުންމަތީ ކައްދޫ އާއި ފޮނަދޫ ގުޅުވާފައިވާ ކޯޒްވޭގެ މަރާމާތު މަސައްކަތް ފަށައިފި އެވެ.

ކައްދޫކޮޅުން ދުއްވާފައި ގޮސް، ކޯޒްވޭ އަށް އަރާދިމާލުގައި ހެދިފައިވާ ވަޅުގަނޑުގެ ސަބަބުން، ދަތުރުކުރާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ވަޅުގަނޑު ހެދިފައި ހުންނަތާ މިހާރު ގާތްގަނޑަކަށް 2 އަހަރު ވަރު ވެދާނެކަމަށް ލަފާކުރެވެއެވެ.

މި މަސައްކަތް ކުރަމުން ގެންދަނީ ކޭއޭސީއެލްގެ މުވައްޒަފުންނެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ފޮނަދޫ ކައުންސިލްގެ ފަރާތުންވެސް އެއްބާރުލުން ލިބޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކޭއޭސީއެލްގެ ޑެޕިޔުޓީ މެނޭޖަރ، މުހައްމަދު ނަސީމް ”ލާމު އެމްވީ“ އަށް މައުލޫމާތު ދެއްވި ގޮތުގައި، ކޭއޭސީއެލް އިން މި މަސައްކަތް ކުރަން ނިންމީ، ކޯޒްވޭގެ ހާލަތު ގޯސްވުމުގެ ސަބަބުން، ގިނަ ބަޔަކަށް ދަތިވާތީ އެވެ. އަދި މަސައްކަތް ނިމުމުން، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ކޯޒްވޭގައި ޖަހާފައިވާ ލައިޓުތައް ނުދިލޭ މައްސަލަޔަކީވެސް ގިނަ ރައްޔިތުން ކަންބޮޑުވާ ކަމަކެވެ. އެގޮތުން، އެ ސަރަހައްދު ނުދިލޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. މި މަސައްކަތް ކުރިޔަށްދާ ގޮތުގެ އަދާހަމައެއް ހޯދުމަށް ”ލާމު އެމްވީ“ އިން ފޮނަދޫ ކައުންސިލްގެ ރައީސް، އަހުމަދު ރިޔާޒް އާ ސުވާލުކުރުމުން ރިޔާޒު ވިދާޅުވީ، އެ ސަރަހައްދުގެ މައި ކޭބަލް އަށް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އަދި އެކިފަހަރު މަތިން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރިނަމަވެސް، ކޭބަލް ބަދަލުކޮށްގެން ނޫނީ ހައްލެއް ލިބެން ނެތް ކަމަށް ވިދާޅުވި އެވެ. އަދި ކޭބަލް ގެންނަން މިހާރު އޯޑަރު ކޮށްފައިވާ ކަމަށާއި، ކޭބަލް ލިބުނުހާ އަވަހަކަށް އެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މަގުތައް މަރާމާތު ކުރުމާއި، ރަނގަޅު ފެންވަރެއްގައި މަގު ބެލެހެއްޓުމަކީ މަގުމަތީގައި ދުއްވާ ފަރާތްތަކާއި، އެހެނިހެން ކަންކަމަށް މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިންމު ކަމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments