ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ލައިވް އަދި މީޑިއާ ޕާޓްރަނަކަށް ލާމު އެމްވީ

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ، ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް 2024 ގެ ލައިވް އަދި މީޑިއާ ޕާޓްނަރަކަށް ”ލާމު އެމްވީ“ ހަމަޖައްސައިފި އެވެ.

ލ.އަތޮޅު ކައުންސިލާއި ލާމު އެމްވީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު ހެނދުނު އެވެ. މި އެއްބަސްވުމުގެ ދަށުން، މުބާރާތުގެ ހުރިހައި އަދާހަމަ އެއް ލާމު އެމްވީ އިން ގެނެސްދޭނެ އެވެ. އަދި މުބާރަތް ލައިވް ސްޓްރީމް ކުރުމުގައި ލާމު އެމްވީ އިން ހަރަކާތްތެރިވާނެ އެވެ.

މި މަހު 29 ވަނަ ދުވަހު ލ. ފޮނަދޫގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އަތޮޅު ކައުންސިލުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތެވެ.

ދެ ޑިވިޝަނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމްލަ ނުވަ ޓީމު ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޝަނުގައި ތިން ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އަންހެން ޑިވިޝަނުގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެނެވެ. އެޔަށްފަހު، ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރު ކުޅޭނީ ލީގު އުސޫލުންނެވެ. އަދި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރާނީ، އަކިރިކޮޅު ސްޕޯޓްސް ކްލަބް، އެސޯސިއޭޝަން ފޯ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް (އަމިގޯސް)، ބިގް ޝޮޓް، ފެކްޝަން ސްޕޯޓްސް ކްލަބް، އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް، ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް)، މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ)، ޓީކޭ ސްޕޯޓްސް ކްލަބް އަދި އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޑީ) އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ފޮނަދޫ ޒުވާނުންގެ ރޫހު (އެފްޒެޑްއާރު)، އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް އަދި ސޭންޑްސް އޮފް ލާމު އެވެ.

ކުރީ މުބާރާތްތަކެކޭ އެއްގޮތަށް، މިއަހަރުގެ މުބާރާތުގައިވެސް ކޮންމެ ޓީމެއްގައި ހިމެނޭނީ އަތޮޅުން ބޭރު ދެ ކުޅުންތެރިންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުން ފެނިގެން ދާނެއެވެ. މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ކުރިޔަށްދާނީ އަންގާރަ ދުވަހު އެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސާފައިވާއިރު، ހޯސްޓިން ޕާޓްނަރަކީ އައިލެންޑާސް ސްޕޯޓްސް ކްލަބެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments