ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް: ބޮޑު މޮޅަކާއެކު ފެކްޝަން ސްޕޯޓްސް ކްލަބަށް ރަނގަޅު ފެށުމެއް

ހައްދުންމަތީ ހިތަދޫ ކައުންސިލް ފުޓުބޯޅަ މުބާރާތް މިއަދު ފެށިއިރު، 12-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފެކްޝަން ޗެލެންޖް ބަލިކޮށް، ފެކްޝަން ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.

ހިތަދޫ ކައުންސިލްގެ ފަރާތުން ބާއްވާ ފަސްވަނަ ފުޓުބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މާބައިދޫ ކައުންސިލްގެ ރައީސް، އިބްރާހިމް ވިސާމް އެވެ.

ފެކްޝަން އެސްސީ އަކީ މި މުބާރާތައް އެންމެ ބޮޑަށް ތައްޔާރުވެފައިވާ އެއް ޓީމެވެ. އެގޮތުން، ގައުމީ ޓީމަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމުގައިވާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސައިން ނިހާން (ނިހާޓް) ގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ، މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އެ ޓީމުގައި ހިމެނެ އެވެ. ނިހާޓް އާއި ހަލީލް ފުރަތަމަ 11 ގައި ހިމެނުނުއިރު، އިއްބެ ކުޅެން ނިކުތީ ދެވަނަ ހާފުގަ އެވެ.

މިއަދު ހަވީރު ހިތަދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ފެކްޝަން ޗެލެންޖުންނެވެ. މެޗުގެ ކުރީކޮޅު އެ ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު އަފްޝާން އެވެ.

ފެކްޝަން އެސްސީން ވަނީ ގާތްގާތުގައި ލަނޑުތަކެއް ޖަހައި، މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު އެ ޓީމު ކުރީގައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ފެށިގެން، އިއްބެ ކުޅެން އެރުމާއެކު، ފެކްޝަން އެސްސީން ވަނީ އެޓޭކް އިތުރަށް ރަނގަޅު ކޮށްފަ އެވެ. ދެވަނަ ހާފުގައި އެ ޓީމުން ވަނީ ނުވަ ލަނޑު ޖަހާފަ އެވެ. މެޗުގެ ދެވަނަ ހާފުގައި ފެކްޝަން ޗެލެންޖަށް ދިމާވި އެންމެ ބޮޑު މައްސަލަޔަކީ ބެންޗުގައި ތިބި ކުޅުންތެރިން މަދުވުމެވެ.

މި މެޗުގައި ފެކްޝަން އެސްސީގެ އަލީ ޝާރިމް ހެޓްރިކް ހެދިއިރު، ހުސައިން އަލީ (ޗެންޓޭ) ވަނީ ދެ ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، އަލީ އަނޫފް، އަހުމަދު އަޒްހަދު، އިއްބެ، ނިހާޓް، އަހުމަދު އަޔާޒް، އަލީ އަރުޝަދު (ޓޮއިން) އަދި އަލީ ރިސްވާން ވަނީ ލަނޑު ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިހާޓް އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި، މާދަމާ ހަވީރު ބީޖީ ސްޕޯޓްސް ކްލަބް ނިކުންނާނީ ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments