މުދަލު ޒަކާތުގެ ޢާމްދަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެއްޖެ
Mudhalu zakaathuge aamdhanee midhiya aharahvure ithuruvehjje

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު، ވޭތުވެދިޔަ 2025 ވަނަ އަހަރު މުޅި އަހަރަށް ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވެއްޖެއެވެ. އެގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 109.26 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ.
2026 ޖަނަވަރީ 1 އިން ސެޕްޓެންބަރު 30 ގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 109,262,025.69 ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ 2025 ވަނަ އަހަރު ލިބުނު ޖުމުލަ 106,456,071.00 ރުފިޔާއާ އަޅާބަލާއިރު 2,805,954.69 ރުފިޔާގެ އިތުރުވުމެކެވެ. މިއީ ގާތްގަނޑަކަށް %2.64 ގެ ކުރިއެރުމެކެވެ.
ފައިސާގެ ތަފްޞީލަށް ބަލާއިރު، ދިވެހި ފައިސާއިން 108,739,116.62 ރުފިޔާ ލިބިފައިވާއިރު، 34,021.41 އެމެރިކާ ޑޮލަރުވެސް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖުމުލަ ޢަދަދު ފަހަނައަޅައި ގޮސްފައިވަނީ އަހަރު ނިމެން އަދި ތިން މަސްދުވަސް ބާކީ އޮއްވައެވެ. އެހެންކަމުން، ކުރިއަށް އޮތް އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ލިބޭ ފައިސާއާއެކު، މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ޖުމުލަ ޢަދަދު އިތުރަށް މައްޗަށް ދާނެއެވެ.




