16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި
16 aharun dhashuge kudhinnah social media beynun kurn manaakurumuge mashvaraathah sarukaarun fashaifi

އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭނުންނުކުރެވޭ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭ މުހިންމު މަޝްވަރާތައް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސައިބާ ބުލީން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމާއި އޮންލައިން ގްރޫމިންގް ފަދަ ނުރައްކާތެރި މައްސަލަތަކަކީ މުޅި ދުނިޔޭގައި ވެސް މިހާރު އިންތިހާއަށް ބޮޑުވެފައިވާ ކަންބޮޑުވުންތަކެއް ކަމަށެވެ. މިފަދަ ކަންކަމުން ދިވެހި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބޭނުން ނުކުރެވޭ ގޮތް ހެދުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި މުޖުތަމައުގެ އެކި ފަންތީގެ މީހުންނާ އެކު މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ. މި ބަދަލަކީ ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މި ނިންމެވުމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ ފިޔަވަޅުތައް އެޅުމުގައި އޮސްޓްރޭލިއާއިން މިހާރު އަމަލުކުރަމުންދާ މޮޑެލްއަކީ ރަނގަޅު އަދި ނަމޫނާ ފިޔަވަޅުތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




