ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: މުބާރާތުގެ ފުރަތަމަ މޮޅު، ޓީކޭ އަށް

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ކުރިޔަށްގެންދާ، ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް މިއަދު ފެށިއިރު، އަންހެން ޑިވިޝަނުގެ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) ބަލިކޮށް، ޓީކޭ ސްޕޯޓްސް ކްލަބުން ފުރަތަމަ މޮޅު ހޯދައިފި އެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން، ލ. ފޮނަދޫ ގައި ކުރިޔަށްދާ މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފޮނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ފާތިމަތު ލީޒާ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުން، ޓީކޭ އިން އައިވައިޔޫ ބަލިކުރީ 3-1 ސެޓުންނެވެ. މިއަހަރުގެ މުބާރާތުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ކުޅޭއިރު، ގައުމީ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ކުޅެނީ އައިވައިޔޫ އަށެވެ. އަދި ޓީކޭ ޓީމުގައި، އާމިނަތު ޝަހާ ޝާމިން، ފާތިމަތު ސަމްހާ އަދި އާމިނަތު އަރީޝާ (އަރީ) ހިމެނެ އެވެ. އަރީ އަކީ ޓީކޭގެ ކެޕްޓަން އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު، 25-16 އިން ކާމިޔާބުކުރީ އައިވައިޔޫ އިންނެވެ. ނަމަވެސް ޓީކޭ އިން ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 12-25، 21-25 އަދި 19-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީކޭގެ ކެޕްޓަން، އަރީ އެވެ.
އައިވައިޔޫ އާއި ޓީކޭ ހިމެނެނީ ގުރޫޕު ”ބީ“ ގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ އަކިރިކޮޅު އެސްސީ، އަމިގޯސް އަދި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) އެވެ.