ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: މާޔާ ބަލިކޮށް، އައިވައިޔޫ އިން އުއްމީދު އައުކޮށްފި

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި ރޭ މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ) ބަލިކޮށް، އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އިން ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު އައުކޮށްފި އެވެ.
އައިވައިޔޫ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން، ޓީކޭ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. ނަމަވެސް، ރޭ އެ ޓީމުން ވަނީ ސީދާ ތިން ސެޓުން މާބައިދޫ ޓީމު ބަލިކޮށްފަ އެވެ.
މި މެޗަކީ މާބައިދޫ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ނިސްބަތުން ބަލާއިރު، މި ޓީމުގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭއިރު، ގައުމީ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނެ އެވެ. އެގޮތުން، ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ އެއް ކުޅުންތެރިޔާ ކަމުގައިވާ މާޔާ ހުސައިން ސަލާހު އާއި ފާތިމަތު އަނާލް އަދި މަނާލް އިސްމާއީލް ރަޝީދުގެ އިތުރުން، އާމިނަތު ރިޔާޝާ މި ޓީމުގައި ހިމެނެ އެވެ. އަދި ގައުމީ ޒުވާން ވޮލީބޯޅަ ޓީމުގައި ހިމެނޭ، އާމިނަތު އިބާ އިބްރާހިމް، އާމިނަތު މާނާ ނާޒިމް، އާއިޝަތު ލިވާ އިބްރާހިމް އަދި މަރިޔަމް ނުޒުހަތު ވެސް ކުޅެނީ މާބައިދޫ ޓީމަށެވެ.
މެޗުގެ ފުރަތަމަ ސެޓުގައި، މާބައިދޫ ޓީމަށް ވަނީ ގިނަ ގޯސްތަކެއް ހެދި، ޕޮއިންޓުތަކެއް ގެއްލިފަ އެވެ. އައިވައިޔޫ އިން ސެޓު ކާމިޔާބުކުރީ 25-11 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ދެވަނަ ސެޓުގައި މާބައިދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ނަމަވެސް، އައިވައިޔޫ ޓީމުގައި ހިމެނޭ، ގައުމީ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ގެ ބާރު ހަމަލާތައް ރިސީވް ކުރުމަށް މާބައިދޫ ޓީމަށް ވަނީ އުނދަގޫ ވެފައެވެ. އައިވައިޔޫ އިން 25-22 ގެ ކުޑަ ތަފާތަކުން ދެވަނަ ސެޓު ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައިވައިޔޫގެ ހައްވަ އެވެ.
އައިވައިޔޫ އަށް ދެން އޮންނާނީ އަކިރިކޮޅު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި މާބައިދު ޓީމު ނިކުންނާނީ ޓީކޭ އެސްސީ އާ ދެކޮޅަށެވެ.