ޒާހިޔާ ފުޓުބޯޅައިން ރިޓަޔާކޮށްފި

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، އަދި ކުރީގެ ކެޕްޓަން، ލ.ގަމު، އާމިނަތު ޒާހިޔާ ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.
އުމުރުން 31 އަހަރުގެ ޒާހިޔާ، ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރީ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖޭން ކުޅުނު ފަހު މެޗަށް ފަހު އެވެ. ބޫޓާނާ ދެކޮޅަށް ކުޅުނު މި މެޗުގައި ޒާހިޔާ ކުޅެން ނިކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޒާހިޔާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. އެޔަށްފަހު، ގައުމީ ޓީމުގެ ފުރަތަމަ 11 އިން ރަސްމީކޮށް ޖާގަ ލިބެން ފެށީ 2011 ވަނަ އަހަރު އެވެ. ޒާހިޔާ ވަނީ ގައުމީ ޓީމުގެ ޑިފެންސް ލައިނުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ދަނޑުމަތީގައި ”ލީޑަރެއް“ ގެ ދައުތު ފުރިހަމަޔަށް އަދާކުރުމާއެކު، 2015 ވަނަ އަހަރު ގައުމީ ޓީމުގެ ވައިސް ކެޕްޓަންގެ ޒިންމާ ހަވާލުކުރީ ޒާހިޔާ އާއެވެ.
ޒާހިޔާގެ ކެރިއަރުގެ އެންމެ މުހިންމު ދުވަސްވަރު އޭނާއަށް ވަނީ ބޮޑު އަނިޔާއެއް ލިބިފައެވެ. 2018 ވަނަ އަހަރު ބަހްރޭނާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގައި ޒާހިޔާގެ އަތްބިންދައިގެން ދިއުމާ ގުޅިގެން، އޭނާ ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ. ޒާހިޔާ ބުނި ގޮތުގައި ކެރިއަރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އެވެ. އަނިޔާއިން އަރައިގަތުމަށްފަހު، ޒާހިޔާ އަލުން ކުޅެން ފެށީ 2022 ވަނަ އަހަރު އެވެ.
ޒާހިޔާ ބުނި ގޮތުގައި ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، 2018 ވަނަ އަހަރު ލިބުނު ބްރޯންޒް މެޑަލް އެވެ.
ޒާހިޔާ އަކީ ގައުމީ ޓީމުގެ އިތުރުން، ދިވެހި ސިފައިންގެ ކްލަބުގައިވެސް ތަފާތު ދައްކާފައިވާ ކުޅުންތެރިއެކެވެ.