އާސަންދައިން ކުރާ ހޭދަ ކުޑަކުރުމަށް ގިނަ މަޝްރޫތަކެއް ދަނީ ހިންގަމުން:ގީލާ
Aasandhain kuraa heydha kudakuramah gina mashroouthakeh dhanee hingamun: Qeelaa

އާސަންދައިން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، ރާއްޖޭގެ ސިއްހީ ނިޒާމް ވަރުގަދަކުރުމަށް ގިނަ މަޝްރޫތަކެއް ހިންގަމުންދާ ކަމަށް ސިއްހަތާއި ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ގީލާ ވިދާޅުވީ އާސަންދައިން ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހާއްސަކޮށް ބޭރަށް މީހުން ފަރުވާ ހޯދަންދާ ކަންކަމުގައި އެ ހިދުމަތްތައް ރާއްޖޭގައި ގާއިމްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި އަތޮޅުތެރޭގައި ސްޕެޝަލައިޒްޑް ހިދުމަތްތައް ފުޅާކުރުން ހިމެނެއެވެ.
“މިހާރު ވެސް ރާވާފައިވާ ބައެއް މަޝްރޫތަކުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމާއި، ކެތް ލެބާއި، އެމްއާރްއައިގެ މެޝިންގެ ހިދުމަތްތައް ވެސް އަތޮޅުތެރޭގައި ގާއިމްކޮށް. އަޅުގަނޑުމެން އުންމީދުކުރަނީ މިފަދަ ބަލިތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ފަރުވާ ހޯދާ ފަރާތްތަކަށް، ރާއްޖެއިން ބޭރަށް ދަތުރުނުކޮށް މާލޭގައި ނުވަތަ ރާއްޖޭގައި ތިއްބައިގެން އެ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް. އެއީ އަޅުގަނޑުމެންގެ އަމާޒަކީ،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ސަރުކާރުން މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އެކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޕްރޮޖެކްޓަކަށް ބޭނުންވާ ފައިސާ ހޯދުމާއި، ޕްރޮޖެކްޓްތަކަށް ބޭނުންވާ މުހިންމު އިންސާނީ ވަސީލަތްތައް ގާއިމްކުރުމަށްޓަކައި އެކި ފަރާތްތަކާއިއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ހިދުމަތް ހޯދުމަށް ވަރަށް ގިނަ ދިވެހިން ދަތުރުކުރެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ކެންސަރާ ގުޅުން ހުރި ކަންކަމުގައި 483 މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވެއެވެ. އަދި އެހެނިހެން ބަލިތަކުގައި ބޭސްފަރުވާ ހޯދުމަށް 821 މީހުން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވެއެވެ.
މި މަޝްރޫއުތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކޮށް، ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރުން ކަމަށް މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.




